ކުޅިވަރު

އެފްއޭއެމް ލީގު ކަޕް: ނިއު ރޭޑިއަންޓު މެޗު އެއްވަރުކޮށް، މަހިބަދޫއިން ޕޮއިންޓެއް ހޯދައިފި

އެފްއޭއެމް ލީގު ކަޕް: ނިއު ރޭޑިއަންޓު މެޗު އެއްވަރުކޮށް، މަހިބަދޫއިން ޕޮއިންޓެއް ހޯދައިފި

އެފްއޭއެމް ލީގު ކަޕުގައި ނިއު ރޭޑިއަންޓާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އަތޫފް އާތިފް

22 މޭ 2025، 06:57

އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން، މަހިބަދޫ މުބާރާތް ނިންމާލީ ޕޮއިންޓަކާއެކުއެވެ.

މެޗު އެއްވަރުވި ނަމަވެސް، ނިއުއަށް ވަނީ ލީގު ބުރުގެ ދެވަނަ ލިބިފައެވެ. ނަމަވެސް އެއް ޕޮއިންޓާއެކު މަހިބަދޫއަށް ޖެހުނީ މުބާރާތުން އަލްވަދާއު ކިޔާށެވެ.

މި މުބާރާތުގެ ލީގު ބުރު ނިމިފައިވާއިރު، އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އަދި 7 ޕޮއިންޓާއެކު ނިއު ދެވަނައިގައި އޮތްއިރު، އޮޑި ސްޕޯޓްސް ކްލަބް ތިންވަނައިގައި އޮތީ ވެސް 7 ޕޮއިންޓާއެކުއެވެ. އަދި ހަތަރުވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތީ 4 ޕޮއިންޓާއެކުއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުއެވެ. އެއީ މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގާނާގެ މިޑްފީލްޑަރު، ތޯރިގު ޖެބްރިން ކާމިޔާބުކުރި ގޯލެކެވެ. އެއީ އެ ޓީމުގެ ގާނާ ފޯވާޑު،  ރަފީގު  އަމީން މަހިބަދޫ އޭރިއާތެރެއިން އެ ޓީމުގެ އަބްދުﷲ އަނީސްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. 

މަހިބަދޫއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ވެސް ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މަހިބަދޫގެ އަލީ ނަސޫހު (ޕިލާ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއްގައި، އެ ޓީމުގެ ޝުއައިދު ސައީދު ޖެހި ބޯޅަ ނިއުގެ ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) އަތުގައި ޖެހިފައި ނުކުތުމުން، ޝުއައިދު ވަނީ ރީބައުންސް ގޯލަށް ފޮނުވާލާފައެވެ.

ނިއުއިން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޔަސްފާދު ހަބީބު (މުލަކޭ)  ކާމިޔާބުކުރި ގޯލަކުންނެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި މުލަކޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ނިއުއިން މި ހާފްގައި ދެން އުފެއްދި ހަމަލާތައް ކާމިޔާބު ނުކުރެވުމުން، މެޗުގެ 74 ވަނަ މިނެޓުގައި އަނެއްކާ ވެސް މަހިބަދޫއިން ނަތީޖާ ހަމަހަމަކުރިއެވެ. އެ ކޯލު ކާމިޔާބުކޮށްދީފައިވަނީ ސުއައިދުއެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނައަށް ދިޔަ ޓީމު ކުޅެން ޖެހޭނީ ހަތަރު ވަނައަށް ދިޔަ ޓީމާއެވެ. އަދި ދެ ވަނައަށް ދިޔަ ޓީމު ކުޅެން ޖެހޭނީ ތިން ވަނައަށް ދިޔަ ޓީމާއެވެ. އެ ގޮތުން، ފުރަތަމަ ސެމީގައި، އާދިއްތަ ދުވަހު ހަވީރު މާޒިޔާ އިން ކުޅޭނީ ޓީސީއާއެވެ. އަދި ދެ ވަނަ ސެމީގައި، އާދިއްތަ ދުވަހުގެރޭ އޮޑިން ނިކުންނާނީ ނިއުއާ ދެކޮޅަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS