Ads by Aqeeqa Maldives

ޚަބަރު

މާފަންނު ސަރަޙައްދުގައި ތަރައްޤީކުރާ މައިޒާނަށް "މާފަންނު މައިޒާން" ގެ ނަމުން ނަން ދީފި

މާފަންނު ސަރަޙައްދުގައި ތަރައްޤީކުރާ މައިޒާނަށް "މާފަންނު މައިޒާން" ގެ ނަމުން ނަން ދީފި

މާފަންނު މައިޒާންގެ ކުރެހުން/ފޮޓޯ: މާލެ ސިޓީ ކައުންސިލް

22 މޭ 2025، 12:12

މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލޭގެ މާފަންނު ސަރަޙައްދުގައި ތަރައްޤީކުރަމުން އަންނަ މައިޒާނަށް " މާފަންނު މައިޒާން" ގެ ނަމުން ނަން ދީފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މި ނަން ދީފައިވަނީ މިދިޔަ ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 195 ވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ކަމަށެވެ.

މާފަންނު މައިޒާނަކީ، މާފަންނު ސަހަރާ ހުރި ބިން އެއްކޮށް ސާފުކުރުމަށްފަހު ތަރައްޤީކުރަމުން އަންނަ ތަނެއްކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި މި މައިޒާން އެއްކޮށް ނިމޭއިރު، އެ މައިޒާނުގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްޤީ ކުރެވިގެންދާނެކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށް ބަސް ސްޓޮޕް (ޕޮކެޓް) ތަރައްޤީ ކުރުމުގެ އިތުރުން، 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރެވިގެންދާނެ އެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މި މައިޒާންގައި އެކިއެކި ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ގްރީން އޭރިއާއެއް ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ކަސްރަތު ކުރުމަށް ކަނޑައެޅިފައިވާ 496 އަކަފޫޓުގެ ސަރަޙައްދެއް ވެސް މި މައިޒާންގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، މި މައިޒާންގައި ގަސް އިންދައި ފެހިކުރުމަށް ކައުންސިލުން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާ ކައުންސިލުން ވިދާޅުވީ، މިތާނގައި އިންދުމަށް ނިންމާފައި ވަނީ ބޮޑަށް ހިޔާދޭ ގަސްތަކާއި، ބަގީޗާ ގަސްތަކާއި، މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް ކަމަށެވެ.

މާފަންނު މައިޒާން ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެކަން ޔަޤީންކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މި މައިޒާން ތަރައްޤީކުރާ ސަރަޙައްދުގައި ގަސްއިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނީ މާފަންނުގައި ދިރިއުޅުއްވާ ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އަންނަ ހަފްތާ ތެރޭގައި މި މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމަވާފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާފަންނު މައިޒާން ތަރައްޤީ ކުރުމަށްފަހު މައިޒާން ހިމެނޭ ސަރަޙައްދު 24 ގަޑިއިރު ބޭނުންކުރެވޭނެހެން ހުޅުވާލާފައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS