ޚަބަރު
ފާއިތުވި ހަފްތާގައި ސްކޭމްގެ ސަބަބުން 4 ލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިއްޖެ : ފުލުހުން

ސްކޭމް މައްސަލަތައް
ފާއިތުވި ހަފްތާގެ ތެރޭގައި ސްކޭމްކޮށްގެން 481,520.67 ރުފިޔާ ގެއްލިފައިވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ސެންޓަރަށް 45 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ގެއްލުނު ފައިސާގެ ތެރެއިން 80 އިންސައްތަ އަނބުރާ ހޯދާފައިވާއިރު، އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. މިގޮތުން އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ. އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސްއާ ގުޅޭ 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވެއެވެ.
ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް (10 މައްސަލަ)، ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް (5 މައްސަލަ)، އަދި އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައް ހިމެނެއެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އަދި ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެދިފައިވެއެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ޝައްކުކުރެވޭ ކަންތައްތައް ބޭންކަށް ރިޕޯޓުކުރުމަށާއި، ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އެންޓި ސްކޭމް ސެންޓަރުން އިރުޝާދު ދީފައިވެއެވެ.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމަށާއި، ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމަށް އަދި އެޕްލިކޭޝަންތައް ރަސްމީ ތަންތަނުން ޑައުންލޯޑުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ލަފާދީފައިވެއެވެ.