ޚަބަރު
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ސަފީރު ކޮން ޗިންހުއާ ފޮޓޯ:ވުޒާރާ
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމަށް މިއަދު ހެންވޭރު ބޯޅަދަނޑުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މި ތަކެތި ކުޅިވަރާބެހޭ ވުޒާރާއާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާއެވެ. މި ހަދިޔާގެ ތެރޭގައި ހިމެނެނީ ޓޭބަލް ޓެނިސް، ފުޓްބޯޅަ އަދި އެތްލެޓިކްސްގައި ބޭނުންކުރާ ބައެއް ސާމާނެވެ.
މި ތަކެތި ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ރާފިއުއާއި ޗައިނާގެ ސަފީރު ކޮން ޗިންހުއާއެވެ. ހަދިޔާކުރެވުނު ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ފުޓްބޯޅަ، ސްޓާޓިން ބްލޮކް، ހާޑަލްސް، މެނުއަލް ޓައިމްކީޕިން ސާމާނު، ސްކޯ ބޯޑު، ޓޭބަލް ޓެނިސް ރެކެޓް، ޓޭބަލޭބަލް ޓެނިސް ބޯޅަ އަދި ޖަޖުންނަށް ޚާއްޞަ ގޮނޑި ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު، ޗައިނާއިން ހަދިޔާކުރި ކުޅިވަރު ސާމާނުގެ އިތުރުން ކުޅިވަރު ދާއިރާއަށް އެ ޤައުމުން ވެދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދޭކަން ފާހަގަކޮށް، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ވަޒީރު ރާފިއު ވިދާޅުވީ، ރާއްޖެއަށް މިހާ ގިނަ އަދަދެއްގެެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރުމުން ދޭހަވަނީ ޗައިނާއިން ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއްކަންވެސް ފާހަގަކުރެއްވިއެވެ.
Minister of Sports, Fitness and Recreation Abdulla Rafiu and Ambassador of the People's Republic of China to the Maldives, His Excellency Kong Xianhua, attended the handover ceremony of sports equipment by the People's Government of Yunnan Province to the Maldives.
— Ministry of Sports, Fitness and Recreation (@MoSFR_mv) May 22, 2025
We express… pic.twitter.com/5NY6tqsWMX
މީގެއިތުރުން، ކުރިއަށް އޮތްތަނުގައިވެސް މިހާރެކޭ އެއްގޮތަށް ޗައިނާއިން ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، މިހާރަށްވުރެ ބޮޑަށް ދެ ޤައުމުން ގުޅިގެން ކުޅިވަރު ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.