ޚަބަރު
ޔުމްނުގެ މައްސަލަ: ތަހުޤީޤަށް ޔުމްނުއާއި ސުވާލުކުރުމަށް މެލޭޝިޔާ ފުލުހުންގެ އެހީ ހޯދަނީ

ފުލުހުންގެ މައި އިދާރާ. ފޮޓޯ:މިހާރު
18 އޭޕްރީލް 2025 ވީދުވަހުގެ ހެނދުނު ހެންވޭރު މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައި ތަހުޤީޤަށް އޭނާއާއި ސުވާލުކުރުމަށް މެލޭޝިޔާ ފުލުހުންގެ އެހީއާއި އެކު ތަހުޤީޤު ކުރިއަށްގެންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިކަމާގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތަޙުޤީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާޢިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން 2 ފުލުހަކު މެލޭޝިއާގައި އެކަމަށްޓަކައި ތިބިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްެވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް މިއަދާހަމައަށް ތަކުރާރުކޮށް މުޢާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަނަމަވެސް ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުން ލިބިފައިނުވާކަަށް ފުލުހުން ފާހަގަކުރެއްވެވިއެވެ. އަދި ޔުމްނުގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުންވެސް އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުންނަށް ހިއްސާކޮށްފައި ނުވާކަމަށާއި މެލޭޝިއާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރުވެސް ފުލުހުންނާ އެމަޢުލޫމާތު ހިއްސާކޮށްފައިނުވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވީ ތަޙްޤީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާޢިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައިކަމަށެވެ. ނަމަވެސް އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ތަޙްޤީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ހ.މިޓާޒުގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި މިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާވަނީ ގިނަ ބާރުތަކެއް ދެއްވާފައެވެ.