ޚަބަރު
ސްކޭމްތަކުގެ ސަބަބުން ގެއްލުނު 380،000އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި: ފުލުހުން

ސްކޭމްގެ މައްސަލަތަކުގައި ޖެހި ފައިސާގެ ގެއްލުން ލިބޭ މީހުންގެ ޢަދަދު އަދިވެސް ވަރަށް ގިނަ
ހުލާސާ
ސްކޭމްތަކުގެ ސަބަބުން ގެއްލުން 380،00އަށް ވުރެ ރުފިޔާ އަނބުރާ ހޯދައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓީ ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 13 އިން 19 މެއި 2025 އާ ދެމެދު ޖުމްލަ 45 ސްކޭމް މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މި މައްސަލަތަކުގެ ސަބަބުން ޖުމްލަ 481,520.67 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 383,610.08 ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ބުނެފައިވެއެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްތައް ކަމަށްވާއިރު، މިފަދަ 26 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރެއިން 20 މައްސަލައެއްގައި ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ.
އެހެނިހެން ބާވަތްތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް (10 މައްސަލަ)، ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް (5 މައްސަލަ)، އަދި އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައް ހިމެނެއެވެ.
ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ޕްލެޓްފޯމްތަކުގެ ތެރޭގައި ވައިބަރ (9 މައްސަލަ)، ފޯނު ކޯލް (6 މައްސަލަ)، އައިބޭ، މެސެންޖަރ، ޓެލެގްރާމް އަދި އިންސްޓަގްރާމް ހިމެނެއެވެ.
މި މައްސަލަތަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހިތުގައި ޝައްކު އުފެދޭނަމަ، އެކަމެއް ޔަގީންކުރުމަށްފަހު ނޫނީ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.
މީގެއިތުރުން، ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށާއިި މިފަދަ މައްސަލަތައް ވަގުތުން އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އެދޭކަމަށް އެންޓި ސްކޭމް ސެންޓަރުންވަނީ އެދިފައެވެ.