ޚަބަރު
ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް ޢިމާރާތްކުރުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖު ގައި ސޮއިކޮށްފި

ންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް ޢިމާރާތްކުރުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖު ގައި ސޮއިކުރުން. ފޮޓޯ: ވުޒާރާ
ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް އިމާރާތްކުރުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފިއެވެ.
އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ބުނެފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަންހުރި ކައުންސިލް ޢިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށް ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް ޢިމާރާތްކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ލެޓަރ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޒިއަންހުއާ އެވެ.
މި މަޝްރޫޢު ދަށުން 50 ކައުންސިލް ޢިމާރާތް ޑިޒައިން ކުރުމާއި އިމާރާތްކުރުން ކުރިއަށްދާނެއެެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ސިޓީތަކާއި ބެހޭ ވަޒީރު އަލްފާޟިލް އާދަމް ޝަރީފް އުމަރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން މުޅި ޤައުމުގެ ލޯކަލް ކައުންސިލްތަކުގެ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް އެހީތެރިވުމަށް ސްޓޭންޑަރޑައިޒްޑް ޒަމާނީ ވޯކްސްޕޭސްތައް ކަށަވަރުކުރެވޭނެއެވެ.