ޚަބަރު
ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް އިތުރުވަނީ، ސަމާލުވާންޖެހޭ!

އެންމެ ބާރަށް ކޮވިޑް 19 ފެތުރުނު ދުވަސްވަރުގެ މަންޒަރެއް
ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ފާއިތުވެދިޔަ ހަފްތާތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ޑެންގޫ އާއި ވައިރަލް ހުމާއި އިންފުލުއެންޒާ ވެސް ގިނަވަމުންދާކަން ފާހަގަވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ މި ބަލިތަކަކީ ކޮންމެ އަހަރަކު ވެސް އާންމުކޮށް މި ދުވަސްކޮޅު އިތުރުވާ ބަލިތަކެއް ކަމަށެވެ.
ފެތުރެމުންދާ ބަލިތަކުން ރައްކާތެރިވުމަށް ޑެންގޫ ފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން އަދި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ލޯޝަން ބޭނުން ކުރުން ހިމެނެއެވެ.
މީގެއިތުރުން ގޭތެރޭގައި ފެނުގައި ހައްދާ ގަސް، ތަށި ޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުމާއި ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީ ފަދަތަކެތި ސާފުކުރުމަށް ސަމާލުވާން ޖެހެއެވެ.
ހަމަމިއާއި އެކު އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުމާއި، އާއްމު ތަންތަނުގައި މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް މާސްކް އަޅައިގެން އުޅުމާއި،ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައިވެސް މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅުން އަދި މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުމަށް ސަމާލުވާން ޖެހެއެވެ.
ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުމުން ދުރުހެލިވުމާއި މާސްކްއަޅައިގެން އުޅުމާއި އަދި ހާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ދިޔުމުން ދުރުހެލިވުން ހިމެނެއެވެ.
ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިރުޝާދުދީފައިވެއެވެ.