ޚަބަރު
ސެންޓަރ އެންޓަރޕްރައިސަސްއިން ޞައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަމަށް ބެލެވޭތީ މައްސަލަ ފުލުހުންނަށް ހުށައަޅައިފި

ދިވެހި ފުލުހުންގެ ހެޑްއޮފީސް.
ސެންޓަރ އެންޓަރޕްރައިސަސްއިން ޞައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަމަށް ބެލެވޭތީ، އެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅައިފިއެވެ.
މި މައްސަލައަކީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމަށް އެދި ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއްގައ އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ޞައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަމަށް ޤަބޫލުކުރެވޭތީ ފުލުހަށް ހުށައެޅި މައްސލައެއްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެއެވެ.
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ 3 މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.
އެއީ، ތިމާވެއްޓާއި ބެހޭ ވުޒާރާއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ 1 މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ 2 މައްސަލައެކެވެ.
އެގޮތުން، އެ ކުންފުނިން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، ދައުލަތާއި އެ ކުންފުންޏާ ދެމެދު ކޮށްފައިވާކަމަށް އެ ކުންފުނިން ބުނާ މުޢާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް މި މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފައިވެއެވެ.
އަދި މި މުޢާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައި ކަމަށްވެސް އެއޮފީހުންބުނެއެވެ.
މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޙިއްޞާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ޚާއްޞަ އޮޑިޓެއް ތައްޔާރުކޮށްދެއްވުމަށް މި އޮފީހުން އެދުމުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދަވާ ޚާއްޞަ އޮޑިޓްގައި އެ އޮފީހަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް މި އޮފީހާ ޙިއްޞާކުރައްވާފައި. ބަންޑާރަ ނައިބު އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ސިވިލް ކޯޓަށް ޞައްޙަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ދިވެހިރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމާއި، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދެއްވާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެެއެވެ.
އެހެންކަމުން، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއްކުރުން މުހިއްމު ކަމަށް ޕީޖީ އޮފީހަށް ވެސް ފެންނާތީ، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އެ މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އޮފީހުން އެދިފައިވާނެކަަމަށްެވެސް ބުނެފައިވެއެވެ.