ދުނިޔެ
އިރާންގެ އިންޒާރެއް އިޒްރާއިލަށް: ނިޔުކްލިއަރ ފެސިލިޓީއަށް ހަމަލާދީފިނަމަ “ޚާއްސަ ފިޔަވަޅުތަކެއް” އަޅާނަން

އިޒްރާއިލް އިރާންގެ ކޯޅުން
އިޒްރާއިލުން އިރާންގެ ނިޔުކްލިއަރ ފެސިލިޓީއަށް ހަމަލާދީފިނަމަ އިޒްރާއިލާއި މެދު “ޚާއްސަ ފިޔަވަޅުތަކެއް” އަޅާނެ ކަމަށް އިރާނުން ބުނެފިއެވެ.
އިޒްރާއީލުން އެ ޤައުމުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެއްވެސް ހަމަލާއެއް ދީފިނަމަ "ޚާއްސަ ފިޔަވަޅުތަކެއް" އަޅާނެ ކަމަށް އިރާނުން އިންޒާރުދީފައި މިވަނީ އިޒްރާއިލްގެ މިލިޓަރީން ހަމަލާތަކަކަށް ތައްޔާރުވަމުންދާ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ.
އިރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޤްޗީ ދެއްވި އިންޒާރުގައި، އިޒްރާއީލުގެ ޢަސްކަރިއްޔާއިން އެއްވެސް ހަަމަލާދީފިނަަމަ، އެކަމަށް ހަރުކަށި ގޮތެއްގައި ޖަވާބުދޭނެ ކަމަށް ބުނެފައިވެއެވެ. މިކަން އޭނާ ހާމަކުރެއްވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއަށް ފޮނުއްވި ސިޓީއެއްގައެވެ.
އިޒްރާއީލުގެ ބިރުދެއްކުންތައް ހުއްޓުވުމަށް އަޅަންޖެހޭ އަސަރުކުރަނިވި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައި، އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، މިކަން ނުހުއްޓުވައިފިނަމަ، އެ ޤައުމުގެ ނިއުކްލިއަރ ފެސިލިޓީތަކާއި މެޓީރިއަލްތައް ދިފާޢުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިރާނަށް މަޖުބޫރުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި އިންޒާރު އައިސްފައިވަނީ މެދުއިރުމަތީގެ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި މި ކަމަކީ ސަރަހައްދީ ގޮތުން އިތުރު ހަމަނުޖެހުންތަކަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ސަރަހައްދުގެ ޤައުމުތަކުން ފާހަގަކުރަމުންދެއެވެ.