ޚަބަރު
މާލެ ސަރަހައްދުގައި ޓްރާންސްޕޯޓް މާސްޓަރ ޕްލޭނާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެ

މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ހިންގާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯރޓް މަޝްރޫއު" ގެ ދަށުން، މާލެ ސަރަހައްދަށް އަމާޒުކޮށްގެން އެކުލަވާލަމުންދާ އިންޓަގްރޭޓެޑް ޓްރާންސްޕޯރޓް މާސްޓާރ ޕްލޭނާ ގުޅޭ ސްޓޭކްހޯލްޑަރ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އެކުލަވާލަމުންދާ މާސްޓަރ ޕްލޭނަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު މުރާޖަޢާކޮށް ފައިނަލް ކުރުމެވެ. މި ޕްލޭންގެ އަމާޒަކީ މާލެ ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމެވެ.
މި މުހިންމު ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ކަމާ ގުޅުންހުރި އެކި އިދާރާތައް ހިމެނޭ ގޮތަށް 25 މުއައްސަސާއެއްގެ ފަރާތްތައް ބައިވެރިވިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ފާއިޒް ވިދާޅުވީ، ވައި ނުސާފުވުމާއި މޫސުމީ ބަދަލުތަކަށް ކުރާ އަސަރު ކުޑަކުރުމުގައި ދަތުރުފަތުރުގެ ދާއިރާއިން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ލިބެންހުރި ވަސީލަތްތަކުގެ އިތުރުން އާ ޓެކްނޮލޮޖީ ތަޢާރަފްކޮށް، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ފާއިޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކަމާ ބެހޭ މުއައްސަސާތަކުން މެދުނުކެނޑި ދެއްވަމުންދާ އެއްބާރުލުން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.