ޚަބަރު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025: ރަން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމުދެއްވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިނާމުދިނުމުގެ ހަފްލާ ފޮޓޯ: ވީޑިއޯ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިން ރަން ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ދެއްވުމުގެ ރަސްމިއްޔާތު މިރޭ ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ޙާޞިލުކުރެއްވި 5 އުފެއްދުމަކަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި އަބުޑީ މޯލްޑިވްސްގެ "2 ލާރި"، މޯލްޑިވްސް ޕޮލިޓެކްނިކްގެ "ކޭކް ރަސްފަރި"، މުޙައްމަދު މޫސާގެ "ޔޮޓް"، ލުޖައިން ޢަލީަލީ ވަޙީދުގެ "ސީ ބާޑް" އަދި ޢަލީ މާހިރުގެ "އިސްލާމީ މަރުކަޒު ސްކޭލް މޮޑެލް" ހިމެނެއެވެ.
މީގެ އިތުރުން، ތަފާތު 9 ދާއިރާއަކުން 1 ވަނަ ހާޞިލުކުރި ފަރާތްތަކަށާއި އެކި ގިންތިތަކުންނާއި ދާއިރާތަކުން ވަނަވަނައަށް ދިޔަ 275 ފަރާތަކަށްވެސް މި ރަސްމިއްޔާތުގައި އިނާމު ދެވުނެވެ. މި ދާއިރާތަކުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ބައި، ރަށު އަދި ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ، ވިޔަފާރިތަކުގެ ދާއިރާ، ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާ ހިމެނެއެވެ.
އެކި ދާއިރާތަކުން 1 ވަނައަށް ދިޔަ ފަރާތްތައް:
• އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ: ލުޖައިން ޢަލީ ވަޙީދު
• ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: ގއ. ވިލިނގިލި
• ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: އައްޑޫ ސިޓީ ހިތަދޫ
• ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ: ސިޑީ ކިޗަން ޕވޓ ލމޓ
• ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާއިން 1 ވަނަ: މޯލްޑިވްސް ޕޮލިޓެކްނިކް
• ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ: ފާތުމަތު ޝަފަޤު
• ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ: ވީމް
• މުޅި މައުރަޒުން 1 ވަނަ ސިޓީ/ރަށް: އައްޑޫ ސިޓީ
• ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ: ސްޓެލްކޯ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3500 އަށްވުރެ ގިނަ އުފެއްދުންތައް ބައިވެރިވެފައިވާކަމަށް މައުރަޒު އިންތިޒާމްކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ. މި މައުރަޒު ކުރިއަށްދަނީ މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.