ވިޔަފާރި / ޚަބަރު

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" މިރޭ އާންމުންނަށް ހުޅުވާލަނީ

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" މިރޭ އާންމުންނަށް ހުޅުވާލަނީ

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2025، 01:35

23 މޭ 2025، 01:35

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" މިރޭ އާންމުންނަށް ހުޅުވާލާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.


މިރޭ 8:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތަކާއެކު މައުރަޒު ހުޅުވައި، ހަވާ އެރުވުން ކުރިއަށްގެންދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. މިރޭގެ ހަފްލާ ކުރިއަށްދާނީ 11 ޖެހުމާ ހަމައަށެވެ.


އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މި މައުރަޒު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ  އިސްނެންގެވުމާއެކު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން މިފަދަ މައުރަޒެއް ބޭއްވުމަށް ނިންމާފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.


މި މައުރަޒުގައި ދިވެހިވަންތަ ޘަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ  އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި ދިވެހި އެންމެ ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުންވެސް މި މައުރަޒުގައި ފެނިގެންދާނެއެވެ.


މައުރަޒުގައި ހިމެނޭ މައިގަނޑު ހަތަރު ޑިސްޓްރިކްޓަކީ ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓެވެ. މި ޑިސްޓްރިކްޓްތަކުގައި ދިވެހި އާޓިސްޓުންގެ ހުނަރުތަކާއި، ޓެކްނޮލޮޖީގެ އުފެއްދުންތަކާއި، މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއި، އަދި ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މައުރަޒުގައި ދިވެހިންގެ އިހުގެ އުފެއްދުންތެރިކަމާއި އެންމެ ޒަމާނީ އުފެއްދުންތައް ވެސް ފެނިގެންދާއިރު، ޒުވާން ފަންނުވެރިންގެ ހުނަރާއި މަސައްކަތްތައްވެސް ފެނިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ޒުވާނުންނާއި އެކު އެހެން އުމުރުފުރާތަކުގެ މީހުންގެ ބައިވެރިވުންވެސް ފެނިގެންދާނެއެވެ.

ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މައުރަޒުގައި ރާއްޖޭގައި އުފައްދާ އެކި ބާވަތްތަކުގެ އުފެއްދުންތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ބައެއް ތަކެއްޗާއި، އެކްސްޕޯޓުކުރެވޭނެ ބައެއް ތަކެތިވެސް ފެންނަން ހުންނާނެއެވެ. މިކަމުން ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ޕްރޮމޯޓްކޮށް، އައު މާކެޓްތަކަށް ވަދެ، ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް މުޙައްމަދު ސަޢީދު ވިދާޅުވީ، "މި މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ މުހިންމު މައުރަޒެއް" ކަމަށެވެ. އަދި މި މައުރަޒުން ދިވެހި އުފެއްދުންތެރިކަމަށް އައު ހިތްވަރެއް ލިބި، ޤައުމީ އިޤްތިޞާދު ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS