ޚަބަރު
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ފެށުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާއަރުވަނީ

ހަވާ އެރުވުން ފޮޓޯ:އިންޓަނެޓް
"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާއަރުވަން ވަނީ ހަމަޖެހިފައެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިންނެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މިރޭ 20:45 ގައި ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ފަށާ މި ހަވާއަރުވުމުގެ ހަރަކާތް ކުރިއަށްދާނީ 5 މިނެޓް ވަންދެނެވެ. މި ހަރަކާތަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒުގެ ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މައުރަޒުގެ ރަސްމީ ކޮށް ހުޅުވަނީ މިރޭ 20:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރޭގެ ހަފްލާ ކުރިއަށްދާނީ 23:00 އާ ހަމައަށެވެ. މި މައުރަޒަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މައުރަޒު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން މިފަދަ މައުރަޒެއް ބޭއްވުމަށް ނިންމާފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހުއެވެ. މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ލިބި، ވިޔަފާރިތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.