ޚަބަރު
ހުޅުމާލޭ ފޭސް 2 ގައި ޑްރޯން އެރުވި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 2 ގައި ޑްރޯން އެރުވި މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް 2 ގެ ނިކަގަސްމަގު ބީޗް ސަރަޙައްދުގައި ޑްރޯން އަރުވަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުގެ ރޭ 20:40 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ޑްރޯން އަރުވަމުންދިޔަ މީހަކު ފެނުމުން، އޭނާއާ ސުވާލުކޮށް މައުލޫމާތު ހޯދަން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، އެ މީހާ ވަނީ މައުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އިންކާރުކޮށް، ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން، އެ މީހާ ވަނީ ހަޑިހުތުރު ބަހުން ފުލުހުންނާ މުޢާމަލާތުކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައެވެ. މި މައްސަލައިގެ ތުހުމަތުގައި އޭނާ ވަނީ ހުޅުމާލޭ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކުރެވިފައެވެ. އަދި ޑްރޯން އެރުވުމުގެ ހުއްދަ ނެތި ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. ނަމަވެސް، މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.