ދީން

ޒިކުރުކުރާ މީހާ، ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެ: ހުކުރު ޚުޠުބާ

ޒިކުރުކުރާ މީހާ، ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެ: ހުކުރު ޚުޠުބާ

ޒިކުރު ކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މޭ 2025، 03:52

23 މޭ 2025، 03:52

ޒިކުރުކުރާ މީހާ، ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެކަމަށް  މިއަދުގެ ހުކުރު ޙުޠުބާގައި ބުނެފިއެވެ. 
ޙުޠުބާގައި ބުނެފައިވަނީ ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ. އަދި ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ވާކަމަށެވެ.
 “މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބޭ، އެ މީހުން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭ، އެ މީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަކަށް ވޭ، އެ މީހުންގެ ސުލޫކާއި އަޚުލާޤު ރިވެތި ސުލޫކުކަމުގައި ވޭ، އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަޞީބުލިބޭ، މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްކަލް މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައި” ހުކުރު ޙުޠުބާ ގައި ބުނެފައިވެއެވެ.
މީގެއިތުރުން ޙުޠުބާގައި ބުނެފައިވަނީ މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތް اللهގެ ނިޢުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުން ވިކަމަށާއި، މި ކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނާން ފެށިކަމަށާއި، މާތް اللهގެ ނިޢުމަތްތައް ފުރިހަމަކޮށްދެއްވުމުގައި އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުން ވާކަމަށެވެ. 
އަދި އެ ދުވަސްވަރު ޢަރަބި ކަރައިގައި ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، މަޖޫސީ ދީނާއި، ބުދު ދީން ވަނީ ފެތުރިފައި ކަމަށާއި، އިސްލާމް ދީން ޢަރަބިކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައިކަމަށް ޙުޠުބާގައި ބުނެފައިވެއެވެ. .
ޙުތުބާގައި އިތުރަށް ބުނެފައިވަނީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަކަމަށެވެ. އަދި މުސްލިމުންނަށް މާތް الله ދެއްވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއްކަމުގައި ވުމަށާއި، މި ފަދަ ހެޔޮ ކަން ބޮޑު ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށް މާތް اللهގެ ޙަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރުމަށް ޙުޠުބާގައި ގޮވާލައިފައިވެއެވެ.
 މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މާތް اللهއަށް ޒިކުރުކުރުން ހިމެނޭ ކަމަށާއި، ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ޒިކުރުކުރުން ކަމަށް ޙުޠުބާގައި ބުނެފައިވެއެވެ.

އަދި  އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި، އަދި އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނޭ ކަމެއްކަމަށް ޙުޠުބާގައި ބުނެފައިވެއެވެ. 
 "ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި،  ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެ" ޙުޠުބާގައި ބުނެފައިވެއެވެ.

  މާތް اللهއަށް ޒިކުރުކުރާ މީހާގެ މައްޗަށް މާތް اللهގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެކަމަށާއި މާތް الله ފަރުޟުކުރެއްވި އެންމެހައި އަޅުކަންތަކާއި ޛިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވާކަމަށް މިއަދުގެ ޙުޠުބާގައި ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން