ޚަބަރު
މިނާގައި ދިވެހި ޙައްޖާޖީންނަށް ޚާއްސަ ފޭލިގެތަކާއި ކޮންމެ ހާޖީއަކަށް ސޯފާ އެނދެއް

ދިވެހި ހާޖީން މިނާގައި ރޭކުރާ ފޭލިގެތަކުގެ އެތެރެ ފޮޓޯ: ޕީއެސްއެމް ނިއުސް
މިއަހަރުގެ ޙައްޖު މޫސުމުގައި މިނާގައި ދިވެހި ޙައްޖާޖީންނަށް ޚާއްސަ ފޭލިގެތަކެއް ތައްޔާރުކޮށް، ކޮންމެ ހާޖީއަކަށް ވަކި ސޯފާ އެނދެއް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ޕީއެސްއެމް ނިއުސްގެ ފަރާތުން ވަނީ ދިވެހިންނަށް ޚާއްސަކުރެވިފައިވާ ފޭލިގެއެއެްގެ އެތެރެ އަދި ސަރަޚައްދުގެ އިންތިޒާމް ދައްކާލާފައެވެ.
ޒުލްހިއްޖާ މަހުގެ 11، 12 އަދި 13 ވަނަ ދުވަހު މިނާގައި ތިބޭ ދިވެހި ޙައްޖާޖީންނަށް މިފަހަރު ޚާއްސަކުރެވިފައިވާ ވަކި ޓެންޓުތަކެއް ވަނީ ތައްޔާރުކުރެވިފައެވެ. މިއީ މީގެ ކުރިން ދިވެހި ޙައްޖާޖީން އެހެން ޤައުމުތަކުގެ ޙައްޖާޖީންނާ އެކު އެއް ޓެންޓެއްގައި ގޮދަޑީގައި ތިބެންޖެހުނު ގޮތާ ޚިލާފަށް، ދިވެހިންނަށް އެކަނި ޚާއްސަކުރެވިފައިވާ ޓެންޓުތަކެކެވެ.
މިފަހަރުގެ ޓެންޓުތަކުގެ ފެންވަރު ވަރަށް ރަނގަޅުކަމަށް ވަނީ ފާހަގަކުރެވިފައެވެ. ކޮންމެ ޙައްޖާޖީއަކަށް ވަކި ސޯފާ އެނދެއް ލިބޭނެ ކަމަށާއި، މި ސޯފާތަކަކީ އިށީނދެ އިނދެވޭ އަދި އޮށޯވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ސޯފާތަކެއް ކަމަށް މައުލޫމާތުލިބެއެވެ. މީގެ އިތުރުން ކޮންމެ ޙައްޖާޖީއަކަށް ބާލީހަކާއި ރަޖާގަނޑެއްވެސް ލިބޭނެއެވެ.
ޓެންޓުތައް ފިނިކުރުމަށް ޚާއްސަ ނިޒާމުތަކެއް ޤާއިމުކުރެވިފައިވާ ކަމަށާއި،ފަންކާގެ އިތުރުން އާންމުކޮށް ދިވެހިން ބޭނުންކުރާ ފަދަ އޭސީތައް ޓެންޓުތަކުގައި ވަނީ ހަރުކުރެވިފައެވެ. މީގެ އިތުރުން ޙައްޖާޖީންނަށް ބޭނުންވާ އިދާރީ ޚިދުމަތްތައް ދިނުމަށް ވަކި އޮފީހެއް ޤާއިމުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރަކީ ދިވެހި ޙައްޖާޖީންނަށް ޚާއްސަކޮށްގެން ވަކި ކްލިނިކެއް ޤާއިމުކުރެވުނު ފުރަތަމަ އަހަރުވެސް މެއެވެ. މި ކްލިނިކުން ކުއްލި ހާލަތުގައި ފަރުވާ ދެވޭނެ ކަމަށާއި، އެޑްމިޓްކޮށްގެންވެސް ފަރުވާ ދެވޭނެ ކަމަށް މައުލޫމާތުލިބެއެވެ. އަދި މިކްލިނިކް ޤާއިމުކުރެވިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ ގޮތަށް ފަސޭހަތަކާއެގައެވެ.
ދިވެހި ޙައްޖާޖީންނަށް ޚާއްސަ ފާޚާނާތަކެއްވެސް ތައްޔާރުކުރެވިފައިވާއިރު މޫނުދޮވެ ވުލޫކުރެވޭނެ ފަސޭހަ އިންތިޒާމާއި ޙާއްސައެހީއަސް ބޭނުންވާ މީހުންނަށް ޚާއްސަފާހާނާވެސް ވަނީ އިންތިޒާމްކުރެވިފައެވެ.
ދިވެހިންނަށް ޚާއްސަ ޓެންޓުތައް ހުރީ ބޮޑު މަގަކާއި ވަރަށް ކައިރީގައި ކަމުން، މިކަމުގެ ސަބަބުން މުޒްދަލިފާއަށް ދަތުރުކުރުމުގައާއި ޖަމަރާތްތަކަށް ހިލަ އުކަން ދިއުމުގައިވެސް މިފަހަރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިއަހަރަކީ ދިވެހި ޙައްޖާޖީންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ އަހަރެއްކަމާއި ސަރުކާރުން މަސައްކަތްކޮށްފައިވާނީ ދިވެހި ޙައްޖާޖީންނަށް ވީހާވެސް ފަސޭހަ އަދި އަރާމު މާޙައުލެއް ޤާއިމުކޮށްދިނުމަށްކަން ވަނީ ފާހަގަވެފައެވެ.