ސައިންސް
ޖަނަވާރުންނަށް ލިބޭ ޒަޚަމްތަކަށް އަމިއްލައަށް ފަރުވާ ދިނުމުގެ ޤާބިލުކަން ލިވިފައިވޭ

ޖަނަވާރުންގެ ކިބައިގައި ބޭސްވެރިކަމުގެ ގަސްގަހާގެއްސާއި ޤުދުރަތީ ފަރުވާތަކާ ބެހޭ ޠަބީޢީ އިލްމެއްވޭ
ޤުދުރަތުގެ ތެރޭގައި އުޅޭ ޖަނަވާރުންނަކީ އެތައް ގޮތަކުން އަޖައިބުކުރުވަނިވި ސިފަތަކެއް ލިބިގެންވާ މަޚްލޫޤުންތަކެކެވެ. އަޅުގަނޑުމެން އިންސާނުންނަށް ނޭނގޭ އެތައް ކަމެއް އެ ޖަނަވާރުންނަށް އެނގެއެވެ. އޭގެ ތެރެއިން އެންމެ ހައިރާންކުރުވަނިވި އެއް ކަމަކީ އެ ޖަނަވާރުންނަށް ލިބޭ ޒަޚަމްތަކަށް އަމިއްލައަށް ފަރުވާ ދިނުމުގެ ޤާބިލުކަން ލިބިފައިވުމެވެ.
ބޯކޮށް ގަސްގަހާގެހި ހެދިފައިވާ ޖަންގަލީގެ ތެރޭގައި، ގިނަ ފަހަރަށް ޖަނަވާރުންނަށް އަނިޔާ ލިބެނީ އެހެން ޖަނަވާރުންގެ ހަމަލާތަކުންނާއި އެހެނިހެން ޤުދުރަތީ ސަބަބުތަކާ ހުރެއެވެ. ނަމަވެސް، ޤުދުރަތުން އެ ޖަނަވާރުންނަށް ވަނީ އެއްވެސް އިންސާނެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް ފަރުވާ ދެވޭނެ ގޮތްތަކެއް ދަސްކޮށްދީފައެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޖަނަވާރަކަށް އަނިޔާއެއް ލިބިއްޖެނަމަ، އާންމު ގޮތެއްގައި އެ ޖަނަވާރު ދާނީ މަޑުމައިތިރި އަދި ރައްކާތެރި ތަނަކަށެވެ. އެއީ އަރާމުކޮށް ރަނގަޅުވުމަށް ޓަކައެވެ. މި މުއްދަތުގައި، އެ ޖަނަވާރު އަމިއްލަ އިޚްތިޔާރުގައި ކައިއުޅެނީ ބޭހުގެ ބާވަތްތައް ހުންނަ ކަމަށް ޤަބޫލުކުރެވޭ ވަކި ބާވަތްތަކެއްގެ ގަސްގަހާގެއްސާއި ފަތްޕިލާވެލި ކަމަށް ފާހަގަކުރެވިފައިވެއެވެ.
ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ބައެއް ބާވަތްތަކުގެ މަކަނުގެ ކިބައިން ވަރަށް އަޖައިބުކުރުވަނިޗި އާދަތަކެއް ފެންނަން ހުރެއެވެ. މިސާލަކަށް، މި ޖަނަވާރުންނަށް އަނިޔާއެއް ލިބިއްޖެނަމަ، އެ ޖަނަވާރުން ހޯދައި ބޭނުންކުރަނީ ފަރުވާ ދިނުމުގެ ބާރު ހުންނަ ވަކި ބާވަތްތަކެއްގެ ގަސްގަހާގެހީގެ ބައިތަކެވެ. މި ގަސްތަކުގެ ސަބަބުން ހަމައެކަނި ރިހުން ކުޑަވެ، ދުޅަވުން ތިރިކޮށްދެނީކީ ނޫނެވެ. އޭގެ އިތުރުން ފަސޭހަވުމުގެ މަރުހަލާ އަވަސްވެގެންދެއެވެ.
މިފަދަ އެއް ހާދިސާއެއް ފާހަގަކުރެވިފައިވަނީ އިންޑޮނޭޝިއާގެ ގުނުންގް ލޫސަރ ނެޝަނަލް ޕާކުގައެވެ. އެތާނގައި އުޅުނު ފިރިހެން އޮރަންގް އުޓާނެއްގެ މޫނުމަތި ޒަޚަމެއް ވިއެވެ. ތިން ދުވަހުގެ ތެރޭގައި، އެ ޖަނަވާރު ފެނުނީ ފިބްރައުރެއާ ޓިންކްޓޯރިއާ ނަމަކަށް ކިޔާ ބޭސް ގަހެއްގެ ފަތްތައް ހިމުންކުރަމުންދާ މަންޒަރެވެ. ފަތްތައް ހިމުންކުރުމަށްފަހު، އެ ޖަނަވާރު އޭގެ ޒަޚަމުގައި އުނގުޅައި، އޭގެ ފަހުން ހިމުންކޮށްފައިވާ ފަތްތައް ޒަޚަމުވެފައިވާ ތަނުގައި ބާއްވައިފިއެވެ. މި ޢަމަލު އެސޮރު ތަކުރާރުކުރީ ގާތްގަނޑަކަށް ހަތް މިނެޓުގެ ވަގުތެއްގެ ތެރޭގައެވެ. އަދި ހައިރާންކުރުވަނިވި ގޮތެއްގައި، ހަތަރު ދުވަހުގެ ތެރޭގައި އެ ޒަޚަމް ފަސޭހަވެ، ކުޑަ ނިޝާނެއް ފިޔަވައި އެހެން އެއްވެސް އަސަރެއް ނުފެންނަ ހިސާބަށް ދިޔައެވެ.
އެހެން ޖަނަވާރުތަކުންވެސް މިފަދަ އާދަތައް ފެންނަން ހުރެއެވެ. މިސާލަކަށް، ފަރުބަދަމަތީގައި އުޅޭ މީދަލުން އެ ޖަނަވާރުންގެ ޒަޚަމްތަކަށް ގަހުގެ ކުނޑި އުނގުޅާކަން ފާހަގަކުރެވިފައިވެއެވެ. މިއީ ޖަރާސީމުތަކާއި ކުނިން ޒަޚަމް ރައްކާތެރިކުރުމަށް ކުރާ ކަމެކެވެ. އަދި މީގެ އިތުރުން ވަކި ބާވަތްތަކެއްގެ ފަތްޕިލާވޕިލާވެލި ކައިގެން އަވަހަށް ރަނގަޅުވުމަށް މަސައްކަތްކުރެއެވެ.
މި އަޖައިބުކުރުވަނިވި ޢަމަލުތަކުން ހާމަވަނީ ޖަނަވާރުންގެ ކިބައިގައި ބޭސްވެރިކަމުގެ ގަސްގަހާގެއްސާއި ޤުދުރަތީ ފަރުވާތަކާ ބެހޭ ޠަބީޢީ އިލްމެއް ހުންނަ ކަމެވެ. މިއީ އަޅުގަނޑުމެން އިންސާނުންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ދާއިރާއެކެވެ. ޖަނަވާރުންގެ މި ހުނަރުތަކުން އަޅުގަނޑުމެންނަށް އާ ބޭސްތަކާއި ފަރުވާގެ ގޮތްތައް ދެނެގަނެވިދާނެއެވެ. އަދި މީގެ ސަބަބުން އިންސާނުންގެ ޞިއްޙަތު ރަނގަޅުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
ޤުދުރަތުގެ ތެރެއިން ފެންނަ މި އަޖައިބުވެރި ކަންތައްތަކަކީ އަޅުގަނޑުމެން އިންސާނުންނަށް ވިސްނާލަން ޖެހޭ ކަންތައްތަކެކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށި ރައްކާތެރިކޮށް، އެ ތަންތަނުގައި އުޅޭ ޖަނަވާރުންނާއި ގަސްގަހާގެހީގެ ދިރާސާތައް ކުރުމަކީ މުހިންމު ކަމެކެވެ. އެހެނީ މި ކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އާ އުފެއްދުންތެރި ޙައްލުތަކެއް ލިބި، އިންސާނިއްޔަތަށް ފައިދާކުރަނިވި ކަންތައްތަކެއް ކުރެވިދާނެތީއެވެ.