ދުނިޔެ
އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ބައެއް ބޭރު ޤައުމުތަކުގެ ވެރިންނަށް ފާޑުކިޔައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާގެ ވެރިންނަށް ފާޑުކިޔައި، އެ ފަރާތްތަކުން ހަމާސްއަށް ހިތްވަރު ދެމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސްއެޅުން ހުއްޓާލުމަށް އެ ޤައުމުތަކުގެ ވެރިން ގޮވާލުމާ ގުޅިގެންނެވެ.
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނެތަންޔާހޫ ވިދާޅުވެފައިވަނީ ހަމާސްގެ މަޤްޞަދަކީ ޔަހޫދީ ދައުލަތް ނައްތާލުމާއި ޔަހޫދީން ފުހެލުން ކަމަށެވެ. އަދި މި ޙަޤީޤަތް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ކެނެޑާގެ ވެރިންނަށް ނޭނގޭ ކަމީ އޭނާއަށް ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"މެކްރޯން ރައީސްއާއި ކާނީ ބޮޑުވަޒީރާއި ސްޓާމަރ ބޮޑުވަޒީރަށް އަޅުގަނޑު ދަންނަވާނީ، މީހުން މަރާ، ރޭޕްކުރާ، ކުޑަކުދިން މަރާ އަދި މީހުން ވަގަށްނަގާ ފަރާތްތަކުން ތިޔަ ބޭފުޅުންނަށް ޝުކުރު އަދާކުރާ ހިނދު، ތިޔަ ބޭފުޅުން ތިބީ އިންސާފުގެ ނުބައި ފަރާތުގައި ކަމަައި ކަމަށެވެ،" ނެތަންޔާހޫ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ހަތިޔާރުވެރި ބާރުތަކުގެ ވަޒީރު ލޫކް ޕޮލާޑް ވިދާޅުވެފައިވަނީ އިސްރާއީލުގެ ޢަމަލުތައް އިނގިރޭސިވިލާތުން ކުށްވެރިކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާއިން މީހުން މަރާ ފަރާތްތަކުގެ ފަރާތުގައި ތިބި ކަމަށް ނެތަންޔާހޫ ކުރެއްވި ތުހުމަތާ މެދު އެއްބަހެއް ނުވާ ކަމަށެވެ.
"ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމާއި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަކީ މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް އެންމެ ރަނގަޅު ގޮތް،" ޕޮލާޑް ވިދާޅުވިއެވެ.