ދުނިޔެ
އިންޑިގޯ އެއާލައިންސްގެ ބޯޓެއް ނުރައްކާތެރި ހާލަތަކާ ކުރިމަތިލައިފި

ގެއްލުން ލިބުނު އިންޑީގޯގެ ބޯޓު
ބުދަ ދުވަހު އިންޑިއާގެ އެތެރޭގެ ދަތުރެއްގައި ދިޔަ އިންޑިގޯ އެއާލައިންސްގެ ބޯޓެއް ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހުނު ކަމަށް އެ ގައުމުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އިދާރާއިން ހާމަކޮށްފިއެވެ. ދިއްލީން ސްރީނަގަރަށް ދިޔަ މި ދަތުރުގައި ގަދަ ވިއްސާރައާއި ވައިގެ ހަލަބޮލިކަމާ ކުރިމަތިލާންޖެހުނު ކަމަށް ވަނީ ބުނެފައެވެ.ެ މިހާދިސާގައި ބޯޓުގެ ކުރީކޮޅަށްވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ.
އިންޑިއާގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އިދާރާ (ޑީޖީސީއޭ) އިން ބުނާ ގޮތުގައި މި ދަތުރުގައި ދިޔަ އޭ321ނިއޯ މަތިންދާބޯޓަށް ގަދަ ވިއްސާރައެއްގެ ތެރެއަށް ވަދެވުމާއެކު ކޮކްޕިޓުން އެތައް އިންޒާރުތަކެއް އިއްވިކަމާއި އަދި އާލާތްތަކަށް މައްސަލަ ކުރިމަތިވިކަން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން މިނިޓަކު 8،500 ފޫޓުގެ ބާރު މިނުގައި ބޯޓު ތިރިއަށް ވެއްޓެމުންދިޔަ ކަމަށް ބުނެފައިވެއެވެ. މިއީ އާންމު ގޮތެއްގައި މިނިޓަކު 1،500 އިން 3،000 ފޫޓަށް ވުރެ މާ ބާރު މިނެކެވެ.
ޑީޖީސީއޭގެ އިބްތިދާއީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 220 އަށް ވުރެ ގިނަ ފަސިންޖަރުން ތިބި މި ބޯޓު 36،000 ފޫޓުގެ އުސްމިނުގައި ދަނިކޮށް އިންޑިއާ-ޕާކިސްތާން ބޯޑަރާ ކައިރި ޕަތަންކޯޓު ސަރަހައްދުގައި މޫސުން ގޯސްވެގެން ދިޔައެވެ. މި ދަތުރުގައި ޕާލިމެންޓުގެ މެންބަރުން ވެސް ތިބި ކަމަށް ބުނެއެވެ.
ބޯޓުގެ ފަޅުވެރިން ޑީޖީސީއޭ އަށް ހުށަހެޅި ބަޔާނުގައި ބުނެފައިވާ ގޮތުގައި މޫސުން ގޯސްވެގެން ދިޔުމާއެކު އިންޑިއާގެ އެއަރ ފޯސްގެ ނޯދަން ކޮންޓްރޯލަށް ވަގަގުތުން ގުޅައި، ބޯޓު ވައަތްފަރާތަށް ބަދަލުކޮށް ކުޑަ އިރުކޮޅަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވޭތޯ އެދުނެވެ. ނަމަވެސް މި އެދުން ބަލައިނުގަތް ކަމަށް ބުނެފައިވެއެވެ.