ދުނިޔެ
ޖަޕާނުގައި ހަނޑޫ ލިބުން ދަތިވެ، އަގު ދެގުނައަށް މައްޗަށް

ޖަޕާނުގެ ސްޓޯޜެއްގައި ހަނޑޫގެ ސްޓޮކެއް.
ޖަޕާނުގައި ހަނޑޫ ލިބުން ދަތިވެެ ހަނޑުލުގެ އަގު ދެގުނައަށް މައްޗަށް ޖެހިއްޖެއެވެ.
ޖަޕާނުގައި "ހަނޑޫގެ ކްރައިސިސް" އަކާ ކުރިމަތިލާން ޖެހިފައިވަނީ، އެ ގައުމުގެ އެންމެ މުހިންމު ކާނާ ކަމަށްވާ ހަނޑުލުގެ އަގު ވޭތުވެދިޔަ އަހަރު ތެރޭގައި ގާތްގަނޑަކަށް ހަނޑުލުގެ އަގު ދެގުނައަށް މައްޗަށް ގޮސްފައިވާތީ، އިންފްލޭޝަން އިތުރުވެ، ސަޕްލައި މަދުވުމާ ގުޅިގެންނެވެ.
ޖަޕާން ސަރުކާރުން ހުކުރު ދުވަހު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް މަހު ހަނޑޫގެ އަގު 98.4 އިންސައްތަ އިތުރުވެފައިވެއެވެ. މިއީ މާރޗް މަހު 92.5 އިންސައްތައަށް އިތުރުވުމަށްފަހު އައި އިތުރުވުމެކެވެ. ހަނޑުލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ޖަޕާނުގެ ރައްޔިތުންގެ ޖީބަށް ބުރަވެ، ބޮޑުވަޒީރު ޝިގެރު އިޝިބާ އާއި އޭނާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ މަގުބޫލުކަން އިތުރަށް ދަށްވެފައިވެއެވެ.
މި މަހު މަޝްހޫރު ކޮޝިހިކަރީ ބްރޭންޑްގެ 5 ކިލޯގެ ހަނޑޫގެ އަގު 5،000 ޔެން (ގާތްގަނޑަކަށް 35 ޑޮލަރު) އަށް މައްޗަށް ގޮސްފައިވާއިރު، އެހެން ވައްތަރުތަކުގެ އަގު މި މަހު ކުރީކޮޅު 4،200 ޔެން (ގާތްގަނޑަކަށް 29 ޑޮލަރު) އަށް އަރާފައިވާކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޕާލިމެންޓުގައި ސުވާލު ކުރުމުގެ ސެޝަނެއްގައި ބޮޑުވަޒީރު އިޝިބާ ވިދާޅުވީ ހަނޑުލުގެ އަގު ތިރި ނުވެގެން އުޅޭ ސަބަބެއް ދެނެގަނެވިފައިނުވާ ކަމަށާއި އެންމެ ފުރަތަމަ ބަލާނީ ކިހާ ހަނޑުލެއް ހުރިތޯ އާއި އެ ހުރީ ކޮންތާކުކަމަށެވެ.
ސިޑްނީގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ އިންސްޓިޓިއުޓް ފޮރ ޕަބްލިކް ޕޮލިސީ އެންޑް ގަވަރނަންސްގެ ޗީފް އިކޮނޮމިސްޓް ޓިމް ހާކޯޓް ވިދާޅުވި ގޮތުގައި ހަނޑޫގެ އަގު މައްޗަށް ދިއުމަށް އެތައް ކަމެއް މެދުވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބޮޑު ބިންހެލުމެއް އަންނާނެ ކަމުގެ އަފުވާތަކާ ގުޅިގެން އެކަމުގެ ބިރަށް ހަނޑޫ ގަތުމާއި،
2023 ވަނަ އަހަރު އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ޖަޕާނުގެ ދަނޑުވެރިންނަށް ރަނގަޅު ހަނޑޫ ނުލިބުމާއި، ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގޮދަން މަދުވެ ގޮދަނުގެ ބަދަލުގައި ހަނޑޫ ބޭނުންކުރަން ޖެހުމާއި، ފަތުރުވެރިކަން އާރާސްތުވެ ހޮޓާ ސިނާއަތް ކުރިއަރަމުން ދިއުމާއެކު ހަނޑުލަށް އޮންނަ ޑިމާންޑް އިތުރުވުން ހިމެނެއެވެ.
މި މައްސަލައިގެ ސަބަބުން ސަރުކާރަށް ސިޔާސީ ގޮންޖެހުންތަކާވެސް ކުރިމަތިވެފައިވެއެވެ.
"ޖަޕާނުގައި ހަނޑުލަކީ އެންމެ މައިގަނޑު ކާނާ، އެހެންކަމުން އިޤްތިޞާދީ ހަމަނުޖެހުމެއް އޮޓަމެޓިކުން ސިޔާސީ ހަމަނުޖެހުމަކަށް ބަދަލުވޭ” ޔޫޓީއެސްގެ ހާކޯޓް ވަނީ ބުނެފައެވެ. އިޝިބާގެ ކެބިނެޓްގެ ތާއީދު މިމަހު 27.4 އިންސައްތައަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
ޖަޕާންގެ މިނިސްޓަރު ޓަކު އެޓޯ އިސްތިއުފާ ދޭން ޖެހުނީ، ހަނޑުލުގެ މައްސަލައާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި އައި ޝިންޖިރޯ ކޮއިޒުމީ ވަނީ 5 ކިލޯގެ ހަނޑުލުގެ ކޮތަޅެއްގެ އަގު 3،000 ޔެނަށް (ގާތްގަނޑަކަށް 20 ޑޮލަރު) ދަށްކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.
ބޭންކް އޮފް ޖަޕާނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭޕްރީލް މަހު އިންފްލޭޝަން ރޭޓް 3.5 އިންސައްތައަށް އަރާފައިވެއެވެ. އަދި ކާބޯތަކެތީގެ އަގު 7.0 އިންސައްތަ މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ކޮވިޑް-19 ބަލިމަޑުކަމާއި ޔުކްރެއިންގެ ހަނގުރާމައިގެ ސަބަބުން އައި ބަދަލުތަކެއްގެ ގޮތުގައި ބެލެވެއެވެ.