ދުނިޔެ
އިޒްރާއިލް ސިފައިން ޖަބަލިއްޔާގައި އެއިޑް ވޯކަރުުންނަށް ހަމަލާދީފި

އެއިޑް ވޯކަރުން އެހީގެ ސާމާނުތައް ކައިރީގައި
އިޒްރާއިލް ސިފައިން ޖަބަލިއްޔާގައި އެހީބެހުމުގެ މަސައްކަތުގައި އުޅުނު އެއިޑް ވޯކަރުންނަށް އަމާޒުކޮށް ހަމަލާދީފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، އިތުރުއެހެންބަޔަކު ޒަހަމްވެއްޖެއެވެ. މީގެ ތެރޭގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކެއްވެސް ހިމެނެއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި މިއަދުގެ ފަތިހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި 40 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. ޖަބަލިއްޔާ ސަރަހައްދުގައި ދަރްދޫނާ އާއިލާގެ ގިނަ ބުރިތަކެއް ހުރި އިމާރާތަކަށް ދިން ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން ޝަހީދުވެ ނުވަތަ ގެއްލިފައިވާކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ.
ދެއިރު އަލްބަލަޙްއަށް ދިން އެހެން ހަމަލާއެއްގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު 6 މީހުން ޝަހީދުވިއެވެ. މީގެ އިތުރުން ޣައްޒާ ސިޓީގައި ހިނގި ހަމަލާއެއްގައި ދެކުދިންނާއެކު 4 މީހުން ޝަހީދުވެފައިވެއެވެ. މި ހަމަލާ އަމާޒުވީ ޖަލާ މަގުގައި ހުރި ރިހާއިޝީ އެޕާޓްމަންޓަކަށެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 53،762 އަށް އަރާފައިވާއިރު، 122،197 މީހުންނަށް ޒަހަމްވެފައިވާކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރެއިން 3،613 މީހުން ޝަހީދުވެފައިވަނީ މާރިޗު 18 ގައި ހަނގުރާމަ އަލުން ފެށުނު ފަހުންނެވެ.
ސިވިލް ޑިފެންސް އާއި މެޑިކަލް ޓީމުތަކުން ބުނާ ގޮތުގައި ވަރަށް މަދު ވަސީލަތްތަކާއެކު، ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމާއި، ސަލާމަތްކުރެވެން ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.