ދުނިޔެ
ހަފްތާއެއްގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 12 މެޑިކަލް މުވައްޒަފުން ޝަހީދުކޮށްލައިފި

ޣައްޒާގެ މެޑިލަކް މުވައްޒިފުންތަކެއް
ހަފްތާއެއްގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 12 މެޑިކަލް މުވައްޒަފުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް-ބުރުޝް ވިދާޅުވެފައިވަނީ އިޒްރާއީލު ސިފައިން ވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި އެ ވުޒާރާގެ އެންމެ ތަޖުރިބާކާރު 12 މެޑިކަލް މުވައްޒަފުން ޝަހީދުކޮށްލައިފައިވާ ކަމަށެވެ.
މީގެ ތެރޭގައި ޚާއްސަކޮށް އިންޓެންސިވް ކެއަރ ޔުނިޓްތަކުގައި މަސައްކަތްކުރި މުވައްޒަފުން ހިމެނޭކަމަށާއި، ބައެއް މުވައްޒަފުން އެމީހުންގެ މުޅި އާއިލާއާއެކު ޝަހީދުކޮށްލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އަލް-ބުރުޝް ވިދާޅުވީ އިޒްރާއީލުގެ ހަމަލާތަކުގެ ސަބަބުން އަލް-އަވްދާ ހޮސްޕިޓަލަށް ގެއްލުން ލިބިފައިވާ ކަމަށާއި، އިންޑޮނީޝިއާ ހޮސްޕިޓަލަށް ހަމަލާދީފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އުތުރު ޣައްޒާގެ 400،000 އަށްވުރެ ގިނަ މީހުންނަށް ޞިއްޙީ ފަރުވާ ލިބުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ސިސްޓަމެޓިކް ި ގޮތެއްގައި ކުރިއަށްގެންދާ މަރުގެ އަދި ހިޖުރަކުރުވުމުގެ ކެމްޕޭނެއް، އުތުރުން ދެކުނަށް މީހުން ފޮނުވާލުމަށް ކުރާ މަސައްކަތެއް،" ޑރ. އަލް-ބުރުޝް ވިދާޅުވިއެވެ. އިޒްރާއީލުގެ މަޖުބޫރު ހިޖުރަކުރުވުމުގެ އަމުރުތަކާ ގުޅިގެން ޣައްޒާ ސިޓީގެ މަގުތަކަށް ރައްޔިތުން ނުކުންނަން މަޖުބޫރުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިހާތަނަށް ޝަހީދުވެފައިވާ 53،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން 30 ޕަސެންޓަކީ ކުޑަކުދިން ކަމަށާއި، ޒަޚަމްވެފައިވާ މީހުންގެ އަދަދު 122،000 އަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން 36،000 މީހުން ނަމާއި ފޮޓޯއާއެކު ރެކޯޑުކުރެވިފައިވެއެވެ.
"އަޅުގަނޑުމެންގެ ކުދިން ބަނޑުހައިހޫނުކަމާއި ނިއުޓްރިޝަންގެ މައްސަލަތަކުން މަރުވަމުންދަނީ، އަދި ޞިއްޙީ ޚިދުމަތުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި،" އޭނާ ވިދާޅުވިއެވެ.
އަދި ޣައްޒާގައި މެޑިކަލް ސަޕްލައިތަކާއި ޑިސްއިންފެކްޓަންޓްސްގެ ހާދަ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށާއި، އޮޕަރޭޝަންތަކަށްފަހު އިންފެކްޝަން ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށްވެސް އޭނާ އިންޒާރުދެއްވިއެވެ.