Ads by Stelco

ޚަބަރު

ކުށްވެރިންނަށް ޤާނޫނުގެ އަތްފޯރާނެކަން ވަޒީރު އިހުސާން ކަށަވަރުކޮށްދެއްވައިފި

ކުށްވެރިންނަށް ޤާނޫނުގެ އަތްފޯރާނެކަން ވަޒީރު އިހުސާން ކަށަވަރުކޮށްދެއްވައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2025، 02:10

25 މޭ 2025، 02:10

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައުށްތައް ހުއްޓުވުމުގެ އައު ޤާނޫނާއެކު އެކު ޤާނޫނުގެ ބާރު ނުފޯރާ ހިސާބުގައި ގޭންގުތަކަށް ދެން ހަރަކާތްތެރި ނުވެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޚްސާން ވިދާޅުވެއްޖެއެވެ.


ވަޒީރު އިހުސާން މިހެން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މި އައު ޤާނޫނަކީ ރާއްޖޭގައި ހިންގަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެނެސް، ގޭންގުތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް ތަންފީޒީ އިދާރާތަކަށް ލިބިދޭ ޤާނޫނެކެވެ.


ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި، 2010 ވަނަ އަހަރު ވެސް ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނެއް ގެނެވުނު ނަމަވެސް، އެ ޤާނޫނުގައި ގޭންގުތަކަކީ ކޮބައިކަން ބުނެދެވިފައި ނުވުމުގެ ސަބަބުން އެއްވެސް މީހަކަށް އެ ޤާނޫނުގެ ދަށުން ހުކުމް ނުކުރެވުނެވެ. ނަމަވެސް އައު ޤާނޫނުގެ ތެރެއިން މިފަދަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


"ފަސޭހަ ބަދަލުތަކެއް ނޫން. ޚާއްސަ އިޖުރާޢަތްތަކެއް ޚާއްސަ ބާރުތަކެއް ފުލުހުންގެ މުޢައްސަސާއަށް ދެވި ކުށްތައް ވަކިގޮތަކަށް ކަނޑައަޅައި މީގެ ތެރޭގައި މަޝްއޫލުވެގެން އުޅޭ ވަރަށް ގިނަ ފަރާތްތަކަށް މިހާރު އެކުރަމުންދާ ކަންކަން ވަރަށް އުނދަގޫވާގޮތަށް ނުކުރެވޭ ގޮތަށް މަގުފަހިކޮށްފައިވާ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވީ" ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އަމާޒަކީ ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް އަަދަބު ދިނުމުގެ ބަދަލުގައި އެކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމެވެ.

ވަޒީރު އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި، އައު ޤާނޫނުގެ ދަށުން ކުށްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނޯންނާނެކަން ކަށަވަރު ކުރުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރައްވާނެއެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވެނީ މި މާހައުލުން ދުރަށްދާން މިފަދަ ކަންކަމުގައި އުޅެވިފައި ތިބި ފަރާތްތައްވެސް ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ފަދަ ޤާނޫނެއް މިއޮތީ، އަދި އެކަން ދާނީވެސް އެހެންކަން އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭ އެބަ. އަޅުގަނޑު ކަށަވަރުކުރަން ކުރިއަށް އޮތްތާނގައި މިފަދަ ގޮތަކަށް ރާއްޖޭގައި ކުށްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ނުވަތަ ޤާނޫނުގެ ތެރެއިން އަތް ނުފޯރާ ހިސާބުގައި މިކަން ނުކުރެވޭނެ އެކަން އަޅުގަނޑުމެން ޔަޤީންކުރާނަން. ފުލުހުން އެކަން ޔަޤީންކުރައްވާނެ" ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ޤާނޫނެކެވެ. އަދި ޤާނޫނު ތަންފީޒުވާން ފެށުމުން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށާނީ ބިލް ތަސްދީޤު ކުރިތާ 3 މަސް ދުވަސް ފަހުންނެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS