Ads by Stelco

ޚަބަރު

އޯ.އޭ.ސީ.ޕީ.އެސް. ގެ 119 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އޯ.އޭ.ސީ.ޕީ.އެސް. ގެ 119 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އޯ.އޭ.ސީ.ޕީ.އެސް. ގެ 119 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤްރީރުކުރެއްވުން/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

26 މޭ 2025، 01:35

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) ގެ 119 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން، ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޤީލާ ޢަލީ ވަނީ ތަޤްރީރުކުރައްވާފައެވެ.

މި ތަޤްރީރުގައި އެކަމަނާ ވަނީ، އޯ.އޭ.ސީ.ޕީ.އެސް ގެ މެންބަރު ޤައުމުތަކުންނާއި އެ ޖަމުޢިއްޔާ އިން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށާއި އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެހެންމެ، އެ ޖަމުޢިއްޔާގެ އައު ސެކްރެޓަރީ ޖެނެރަލް މޫސާ ސަލެފް-ބަޓްރާކީ އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާ އަށް މަރުހަބާ ވިދާޅުވެ ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، މި ތަޤްރީރުގައި އެކަމަނާ ވަނީ، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ގާއިމުކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އޯ.އޭ.ސީ.ޕީ.އެސް އާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދު ޤާއިމުކުރެވިފައިވާ ގުޅުމުގެ ތެރެއިން އިޤްތިޞާދީ ނަފާވެރިކަން ލިބިގެންދިއުމަކީ ދިވެހިރާއްޖެއިން އުއްމީދުކުރައްވާ ކަމެއްކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އޯ.އޭ.ސީ.ޕީ.އެސް އަކީ އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ 79 ގައުމެއް ބައިވެރިވެފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS