ދުނިޔެ
ޣައްޒާގެ އިންސާނީ ހާލަތާ ގުޅިގެން އިޒްރާއީލަށް ފިޔަވަޅު އެޅުމަށް ސްޕެއިން އިން ގޮވާލައިފި

ސްޕެއިންގެ ފޮރިން މިނިސްޓަރ ޖޯސޭ މެނުއެލް އަލްބާރެސް
ހުލާސާ
ޣައްޒާގެ އިންސާނީ ޙާލަތާއި ގުޅިގެން އިޒްރާއިލަށް ފިވަޔަޅު އެޅުމަށް ސްޕެއިންއިން ގޮވާލައިފިއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އިޒްރާއީލަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސޭ މެނުއެލް އަލްބާރެސް ގޮވާލައިފައިވަނީ މެޑްރިޑްގައި ޔޫރަޕިއަން އަދި ޢަރަބި ޤައުމުތަކުގެ މަންދޫބުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސޭ މެނުއެލް އަލްބާރެސް ވިދާޅުވި ގޮތުގައި ޣައްޒާއަށް އިންސާނީ އެހީ ވަންނަން ޖެހޭނީ އެއްވެސް ޝަރުތެއް ނެތި އަދި އެއްވެސް ދަތިކުރުމެއް ނެތި، އަދި އިޒްރާއީލުގެ ބާރުގެ ދަށުން މިނިވަންވެގެންކަމަށެވެ. އަދި ޣައްޒާގެ ޙާލަތު ސިފަކުރައްވަމުން އަލްބާރެސް ވިދާޅުވެފައިވަނީ ޣައްޒާއަކީ އިންސާނެއްގެ ގައިގައި ހުޅުވާ ދޫކޮށްލައިފައި ހުރި ޒަޚަމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ފްރާންސް، ބްރިޓެން، ޖަރުމަނު އަދި އިޓަލީ ފަދަ ޔޫރަޕިއަން ގައުމުތަކުގެ އިތުރުން މިޞްރު، ޖޯޑަން، ސަޢޫދީ ޢަރަބިއްޔާ، ތުރުކީ، މޮރޮކޯ، ޢަރަބި ލީގު އަދި އިސްލާމިކް ކޯޕަރޭޝަންގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ނޯވޭ، އައިސްލެންޑް، އަޔަލެންޑް އަދި ސްލޮވީނިއާގެ މަންދޫބުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޔޫރަޕިއަން ޔޫނިއަނުން މިހަފްތާ ތެރޭގައި އިޒްރާއީލާއެކު އޮތް އެއްބާރުލުމުގެ އެއްބަސްވުން މުރާޖަޢާ ކުރުމަށް ނިންމުމާ ގުޅިގެން، ސްޕެއިންގެ ފަރާތުން މި އެއްބަސްވުން ވަގުތުން ހުއްޓާލުމަށް ގޮވާލާނެ ކަމަށް އަލްބާރެސް ވިދާޅުވިއެވެ.
ސްޕެއިން އިން ވަނީ ރަސްމީކޮށް އިޒްރާއީލަށް ހަތިޔާރު ވިއްކުން މަނާކޮށް، އަދި އިޒްރާއީލުގެ އުޅަނދުފަހަރު ބަނދަރުތަކުގައި ބަނދަރުކުރުން މަނާކޮށްފައެވެ.
އޮކްޓޯބަރު 7 ގައި ހަމާސްގެ ހަމަލާގައި 1,218 އިޒްރާއީލު ރައްޔިތުން މަރުވެފައިވާއިރު، އިސްރާއީލުގެ ޖަވާބީ ހަމަލާތަކުގައި މިހާތަނަށް 54,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.