ދުނިޔެ
އިޒްރާއީލް ބައިނަލްއަޤްވާމީ މައިދާނުން އެކަހެރިކުރާނެ ކަމުގެ އިންޒާރުދީފި، ނަތަންޔާހޫ "ދޮގުހަދާކަމަށް" ކެނެސެޓް މެމްބަރެއް ތުހުމަތުކުރޭ

ބެންޖަމިން ނަތަންޔާހޫ
އިޒްރާއިލް ބައިނަލްއަޤްވާމީ މައިދާނުން އެކަހެރިކުރާނެ ކަމުގެ އިންޒާރު އިޒްރާއިލްގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދީފިއެވެ.
ފަލަސްތީނުގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ އަލާ އަލް-ނައްޖާރުގެ ޢާއިލާ ތިބި ތަނަށް ބޮންއަޅައި އޭނާގެ 9 ދަރިން ޝަހީދު ކޮށްލި މައްސަލައިގައި އިޒްރާއީލު ސަރުކާރުން ހަނުތިބުން އިޚްތިޔާރުކޮށް އެގޮތުގައި ތިބުމަކީ ޣައްޒާގެ ހަނގުރާމައިގައި މުހިންމު ބަދަލެއް އަންނާނެ ކަމެއްކަމަށް އިޒްރާއިލްގެ ސިޔާސީ ފަރާތްތަކުން ބުނެއެވެ. މިކަން ޔެދިއޯތް އަހަރޯނޯތް ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ވޭތުވެދިޔަ ހޮނިހިރު ދުވަހު، ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރ އަލާ އަލް-ނައްޖާރުގެ އާއިލާއަށް އިޒްރާއީލު ސިފައިން ވަނީ އަނިޔާވެރި ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އެ ޑޮކްޓަރުގެ 9 ކުދިން ވަނީ ޝަހީދުވެފައެވެ.
އިޒްރާއީލްގެ ސިޔާސީ ފަރާތްތަކުން ބުނެފައިވަނީ އިޒްރާއިލް ސިފައިން ޣައްޒާގައި ހިންގަމުންދަ އަނިޔަވެރި ޢަމަލުތަކަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކަނު ލޮލެއް ދައްކައި ބީރުކަންފަތެއް ދިން ދުވަސްތައް ނިމިއްޖެ ކަމަށެވެ. އަދި މި އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދާނަމަ އިޒްރާއިލް ބައިނަލްއަޤްވާމީ މުޖުތަމައުން އެކަހެރިވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ.
އިތުރު ކަމެއްގެ ގޮތުން، އިޒްރާއީލުގެ ކެނެސެޓް (ޕާލަމެންޓް) މެންބަރެއް ބުނެފައިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ ހަނގުރާމައިގެ ކާމިޔާބީތަކާ ގުޅޭގޮތުން ދޮގު ހަދާ ކަމަށެވެ. އަދި މި ހަނގުރާމައަކީ "މަކަރާއި ހީލަތުގެ މައްޗަށް ބިނާވެފައިވާ" ހަނގުރާމައެއް ކަމަށްވެސް ބުނެފައިވެއެވެ.
ނެތަންޔާހޫގެ ލީކުޑް ޕާޓީގެ މެންބަރު އަމިތް ހަލެވީ ބުނެފައިވަނީ އިޒްރާއީލުން ވޭތުވެދިޔަ 20 މަސް ދުވަހު ހިންގަމުން އައި ހަނގުރާމައިގެ ޕްލޭނަކީ ފެއިލްވެފައިވާ ޕްލޭނެއް ކަމަށާއި، ހަމާސްއާ ދެކޮޅަށް ކުރެވޭ ހަނގުރާމަ ނިންމާލުމުގެ ޤާބިލުކަން އިޒްރާއީލަށް ނެތް ކަމަށެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އިޒްރާއީލުން ވަނީ ޣައްޒާގައި ނަސްލުނައްތާލުމުގެ ހަނގުރާމައެއް ހިންގަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 176،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 11،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.