ޚަބަރު
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަންގްލަދޭޝް ތިން މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގައި ހައްޔަރުކުރި މީހުން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ތިން މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 350.92 ގުރާމުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ ތިން މީހުން ކަމުގައިވާ އެމްޑީ މެހެދި ހަސަން (29އ) އާއި، އަބު ތަލެބް (47އ) އާއި، އެމްޑީ ސަލާމް މިއާ (41އ) އެވެ. އަދި މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.