ދުނިޔެ
ޣައްޒާގައި ކާނެ މީހުންނާއި ނުކާނެ މީހުން ކަނޑައަޅާނީ އިސްރާއިލުން ނޫން: ސްޕެއިންގެ ޚާރިޖީ ވަޒީރު

ސްޕެއިންގެ ޚާރިޖީ ވަޒީރު/ފޮޓޯ: ކައުންސިލް އޮން ފޮރިންގ ރިލޭޝަންސް
ޣައްޒާގައި ކާނެ މީހުންނާއި ނުކާނެ މީހުން ކަނޑައަޅާނީ އިސްރާއިލުން ނޫން ކަމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ޖޯސޭ މެނުއެލް އަލްބަރެސް ބުއެނޯ ވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް ނިރުބަވެރި ޔަހޫދީން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފްރާންސް އިންފޯ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ސްޕެއިންގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެ ޤައުމުން 20 ޤައުމަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ މަންދޫބުންނަށް މަރުޙަބާ ކިޔާނެ ކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ، ބޭނުމެއް ނެތް މި ޤަތުލުއާންމު ނިމުމަކަށް ގެނައުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ވިދާޅުވީ، އިންސާނީ އެހީ ޣައްޒާއަށް ވަންނަންޖެހޭނީ ގިނަކޮށް، ހިފެހެއްޓުމެއްވެސް ނެތި ނިއުޓްރަލް ގޮތެއްގައި ކަމަށެވެ. އެއީ، ޣައްޒާގައި ކާނެ މީހުންނާއި ނުކާނެ މީހުން ނިންމާނީ އިސްރާއީލުން ނޫން ކަމަށް ވާތީކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ ހަފްތާއިން ފެށިގެން ޣައްޒާއަށް ވަނީ އިންސާނީ އެހީ ވަންނަން ފަށައިފައެވެ. ނަމަވެސް، ކޮންމެ ދުވަހަކު ވެސް ވަންނަނީ މަދު އެހީއެއްކަން ފާހަގަކުރައްވާ، އެހީތައް އެންމެ ބޭނުންވާ މީހުންނާއި ހަމައަށް ފޯރަމުންވެސް ނުދާކަމަށް އެ ސަރަޙައްދުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ޣައްޒާގައި މިހާރުވެސް އެތައް ބަޔަކު ބަނޑުހައިހޫނުކަން ތަޙައްމަލު ކުރަމުންދާއިރު، މިކަމުގެ ސަބަބުން އެތައް ބަޔަކު މިހާރު ވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ.