ޚަބަރު
މަތިވެރީގެ ފުރަތަމަ ޙާފިޡް-އިބްރާހީމް މުޠީޢު މުޙައްމަދު: ރައްޔިތުން ނިކުމެ ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް!

ޙާފިޡް އިބްރާހީމް މުޠީޢު މުޙައްމަދު/ފޮޓޯ: މުޙައްމަދު މާހިދު
އއ. މަތިވެރީގައި ޙާފިޡްކަމުގެ ސަނަދު ނަގާފައިވާ ފުރަތަމަ ޙާފިޡް އިބްރާހީމް މުޠީޢު މުޙައްމަދަށް މަތިވެރީގެ ރައްޔިތުން ނިކުމެ ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މަތިވެރިއަށް އުފަން އިބްރާހީމް މުޠީޢު މުޙައްމަދު (ޒަމާނީކުލަ) އަކީ ޢުމުރުން އެންމެ 13 އަހަރުގައި ޤުރުޢާން އެއްކޮށް ހިތުދަސްކޮށް ޙާފިޡްކަމުގެ ސަނަދު ހާޞިލުކޮށްފައިވާ ދަރިވަރެކެވެ.
މުޠީޢު ޤުރުޢާން ހިތުދަސްކޮށް ނިންމައި، އިމްތިހާން ހެދުމަށްފަހު އެއްވަނަ ދަރަޖައިގައި ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ހާޞިލުކުރުމުގެ ސަބަބުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދަރިވަރާއި އޭނާގެ ޢާއިލާއާއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ. ހަމަ އެހެންމެ، މަތިވެރި ކައުންސިލާއި، ރައްޔިތުންނާއި، މުދައްރިސުންނަށް މަރުޙަބާ ދަންނަވާ ވަޒީރު ވަނީ މުޠީޢުގެ ބުރަ މަސައްކަތުގެ ނަތީޖާ ފާހަގަކުރައްވާފައެވެ.
މިއަދު ހަވީރުގެ ވަޤުތެއްގައި މުޠީޢު މަތިވެރިއަށް އައުމާއެކު، ރަށުގެ ކުދި ބޮޑު ރައްޔިތުންނާއި، އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ އެ ދަރިވަރުގެ ކާމިޔާބީ ފާހަގަކޮށް މަރުޙަބާ ދަންނަވާފައެވެ. އެގޮތުން، ރަތް ދޫލާގައި ދަރިވަރަށް މަރުޙަބާކިޔުމާއެކު، ސަލާމް ކުރުމާއި، މާފަތި އެޅުވުމުގެ އިތުރުން ޙާފިޡްއާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފައެވެ. ހަމަ މިއާއެކު، ރަށުގެ ރައްޔިތުން ގުޅިގެން ހަވީރުގެ ސައެއް އިންތިޒާމުކޮށްފައިވާއިރު، މި ޙަރަކާތުން މަތިވެރީގެ ރައްޔިތުންގެ ހިތުގައި ކީރިތި ޤުރްޢާނާ މެދު އޮންނަ ލޯބި ހާމަވެގެންދެއެވެ.
ޙާފިޡް އިބްރާހީމް މުޠީޢު މުޙައްމަދަކީ މަތިވެރީގައި ފުރަތަމަ ފަހަރަށް ޙާފިޡްކަމުގެ ސަނަދު ޙާޞިލުކޮށްފައިވާ ދަރިވަރަށް ވީއިރު، މިރަށުގައި އިތުރު ދަރިވަރެއް ވެސް ޤުރުޢާން ހިތުދަސްކުރުމަށް ފަހު ސަނަދު ނެގުމަށް ތައްޔާރުވަމުން އަންނަކަމަށް މަތިވެރީ ކައުންސިލުން މަޢުލޫމާތުދެއެވެ.