ދުނިޔެ
މިއީ ދަތުރު ފެށުމުގެ ކުރިން ދެމަފިރިން ކޮށްލި ސަމާސާއެއް : ފްރާންސްގެ ރައީސް

މަތިންދާބޯޓުން ފައިބައިވަޑައިގަންނަވަން ވަޑައިގަތުމުގެ ކުރިން ބްރިޖިޓް މެކްރޯން ވަނީ ރައީސްގެ މޫނުގައި އަތްލާ ކޮއްޕާ އެއްފަރާތަށް ޖައްސަވާފަ
ވިއެޓްނާމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބްރިޖިޓް މެކްރޯނާ ދެމެދު ހިނގި ކުޑަ ހާދިސާއެއް މިހާރު ވަނީ ދުނިޔޭގެ ސަމާލުކަން ހޯދައިފައެވެ. މި ހާދިސާގައި ބްރިޖިޓް މެކްރޯން ރައީސްގެ މޫނުގައި އަތްއަޅާ ކޮށްޕާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ.
މި ވީޑިއޯގައި ދައްކާ ގޮތުން، މަތިންދާބޯޓުން ފައިބައިވަޑައިގަންނަވަން ވަޑައިގަތުމުގެ ކުރިން ބްރިޖިޓް މެކްރޯން ވަނީ ރައީސްގެ މޫނުގައި އަތްލާ ކޮއްޕާ އެއްފަރާތަށް ޖައްސަވާފައެވެ. މި މަންޒަރު ފެނުމާއެކު ގިނަ ބަޔަކު ވަނީ މިއީ އާދައިގެ ކަމެއް ނޫން ކަމަށް ދެކެން ފަށާފައެވެ. ފްރާންސްގެ ނޫސްތަކުން ވެސް މި ހާދިސާއާ ގުޅޭ ގޮތުން ވަނީ ޚަބަރު ގެނެސްފައެވެ.
ނަމަވެސް، ރައީސް މެކްރޯން ވިދާޅުވެފައިވަނީ މިއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ދަތުރު ފެށުމުގެ ކުރިން ދެމަފިރިން ކޮށްލި ސަމާސާއެއްކެވެ. އަދި މިއީ ބޮޑުކަމެއް ނޫންކަމަށާއި އެންމެން ހަމަޖެހިލުމަށް އެމަނިކުފާނު ނޫސްވެރިންނަށް ވިދާޅުވިއެވެ.