ވިޔަފާރި / ޚަބަރު
ރާއްޖެ އާއި ހޮންގްކޮންގް އާ ދެމެދު އެކުލަވާލާފައިވާ "ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމުގައި ސޮއިކޮށްފި

"ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: މީރާ
ރާއްޖެ އާއި ހޮންގްކޮންގް އާ ދެމެދު އެކުލަވާލާފައިވާ "ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. އަދި ހޮންގްކޮންގްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޤައުމުގެ އިންލެންޑް ރެވެނިއު ޑިޕާޓުމެންޓުގެ ކޮމިޝަނަރ ޒީވައި ބެންޖަމިން ޗެންއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނައުން ކަމަށެވެ. ހަމަ އެހެންމެ، ދެ ޤައުމުގައި ވެސް ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރެވިގެން ދާނެއެވެ. އަދި މި އެއްބަސްވުމާއި ގުޅިގެން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުކުރުމަށް މަގުފަހުވެގެންދާނެކަމަށް މީރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ވިދާޅުވީ، މި އެއްބަސްވުން އެކުލަވާލުމާއެކު ދިވެހިރާއްޖެއާއި ހޮންގްކޮންގް އާ ދެމެދު ކުރިއަށްދާ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ އެކިއެކި މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ދެ ޤައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ހެޔޮ ގޮތުގައި ބަދަލުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.
މީރާއިން ވަނީ މީގެ ކުރިން ވެސް އެކި ޤައުމުތަކާ އެކު ލިމިޓެޑް ޑަބަލް ޓެކްސް އެވޮއިޑަންސް ގެ އެއްބަސުވުމުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި، އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަންގްލަދޭޝަ، އަދި މެލޭޝިއާ ހިމެނެއެވެ.