ޚަބަރު
އެމްއެންޑީއެފްގެ އެކްސަސައިޒް "ބްލެކް މަރލިން" ކާމިޔާބުކަމާ އެކު ނިންމާލައިފި

އެމްއެންޑީއެފްގެ އެކްސަސައިޒް "ބްލެކް މަރލިން" ގެ ބައިވެރިން/ފޮޓޯ: އެމްއެންޑީއެފް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން އެމެރިކާ އަސްކަރިއްޔާ އާއި ގުޅިގެން ހިންގި އެކްސަސައިޒް "ބްލެކް މަރލިން" ކާމިޔާބުކަމާއެކު ނިންމާލައިފިި އެވެ.
މި ޙަރަކާތް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ. ހަމަ އެހެންމެ، މި އެކްސަސައިޒުގައި ހަރަކާތްތެރިވި މުދައްރިބުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައެވެ.
މި ތަމްރީނުތަކުގައި އެމްއެންޑީއެފް ގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ޔުނިޓް (އީއޯޑީ) އާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. ހަމަ މިއާއެކު، އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސަރވިސް (ޑީއައިއެސް) އާއި، އެމްއެންޑީއެފް މެޑިކަލް ސަރވިސްއާއި، އެމްއެންޑީއެފް މެރިން ކޯރ، އަދި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް (އެސްއެފް) ގެ ސިފައިން ބައިވެރިވިއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފްގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާކޮށް ބާއްވަމުންދާ މި ތަމްރީނުގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވީ އެމެރިކާ އަސްކަރިއްޔާގެ ސިފައިން ކަމަށެވެ. އަދި މިމަހުގެ 4 އިން ފެށިގެން 26 ވަަނަ ދުވަހުގެ ނިޔަލަށް މާލެއާއި ލ .އަތޮޅުގައި މި ތަމްރީނުތައް ކުރިއަށްދިޔައިރު، މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފައިވަނީ އިންފެންޓްރީ ޕެކޭޖް އެވެ.