ދުނިޔެ
ހަމަލާތަކަށް 600ދުވަސް، ހަމަލާތައް ހުއްޓުވުމަށް ހަރަކާތްތައް ހިންގުމަށް ހަމާސްއިން ގޮވާލައިފި

މާލޭގައި ފަލަސްޠީނުގެ މިނިވަަންކަމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން
އިޒްރާއިލުން ޣައްޒާއަށް ހަމަލާތައއް ދެމުންދާތާ 600 ދުވަސް ވެފައިވާއިރު ބައިނަލް އަޤްވާމީ ފަރާތްތަކުން ހަމަލާތައް ހުއްޓުވުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށާއި އެފަދަ ހަރަކާތްތައް އިތުރުކުރުމަށް ހަމާސްއިން ގޮވައިލައިފިއެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން އަދި އިޒްރާއީލުގެ އޮކިއުޕޭޝަނާ ދެކޮޅަށް ދުނިޔޭގެ އެންމެހާ ފަރާތްތަކުން އަޑުއުފުލަން ޖެހޭ ކަމަށެވެ. އަދި މި ހަނގުރާމައިގައި ފަލަސްޠީނު ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި، ބަނޑަހައިހޫނުކަމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުކުރުމަށް ގޮވާލައިފައިވެއެވެ.
"ކުރިއަށް އޮތް ދުވަސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުމައްޗަށް ނުކުމެ، މުޒާހަރާކޮށް، އިހުތިޖާޖުކުރާ ދުވަސްތަކަކަށް ވާންޖެހޭ،" ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަނގުރާމައިގައި މިހާތަނަށް 33،000 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ހާލުގައި ޖެހި، ބޯހިޔާވަހިކަން ގެއްލި، ކެއުމާއި ބޭސްފަރުވާގެ ޚިދުމަތްތައް ނުލިބި ދަތި އުނދަގޫ ހާލަތެއްގައި ދިރިއުޅެމުންއެބަދެއެވެ.
އދ އާއި ދުނިޔޭގެ އެކި ޤައުމުތަކުން ހަނގުރާމަ ހުއްޓުވުމަށް ގޮވާލަމުން ދިޔަ ނަމަވެސް، އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް މަޑުޖެހިފައެއް ނުވެއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ފާހަގަކުރަމުންދެއެވެ.