ދުނިޔެ

މަސްޖިދުލްއަޤްޞާއަށް ހައްދުފަހަނަ އެޅި ޔަހޫދީން ވަދެ މުސްލިމުންނަށް ޙަމަލާދީފި

މަސްޖިދުލްއަޤްޞާއަށް ހައްދުފަހަނަ އެޅި ޔަހޫދީން ވަދެ މުސްލިމުންނަށް ޙަމަލާދީފި

ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2025، 05:01

27 މޭ 2025، 05:01

ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ހައްދުފަހަނަ އެޅި ޔަހޫދީންގެ ބައިގަނޑެއް ވަދެ، މުސްލިމުންނަށް ފުރައްސާރަކޮށް، ޙަމަލާ ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޔަހޫދީ ފައުޖުގެ ބައިވެރިވުމާއި ޙިމާޔަތުގެ ދަށުން ބޭއްވި ހިނގައިލުމެއްގެ ތެރެއިންނެވެ.

މި ހިނގައިލުން ބާއްވާފައިވަނީ "ޤުދުސް ދުވަސް" ފާހަގަ ކުރުމުގެ ގޮތުންނެވެ. މިއީ 1967 ވަނަ އަހަރު ޔަހޫދީން އިރުމަތީ ޤުދުސަށް އަތްގަދަކޮށް، އެ ބިމުގައި ދިރިއުޅެމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުން އަޅުވެތި ކުރި ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތެކެވެ.
މި ހަމަލާގައި 2,000 އެއްހާ ޔަހޫދީން ބައިވެރިވެފައިވާއިރު، އެ ބައިގަނޑުގެ އެންމެ ކުރީ ސަފުގައި ހުރީ ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރެވެ. އޭނާއަކީ ހައްދުފަހަނަ އެޅި ނިރުބަވެރި ޔަހޫދީއެކެވެ.

މީގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ (އދ) އޮފީހަކަށް ވެސް މި ބައިގަނޑު ގަދަބާރުން ވަދެގަނެ، އެ ތަނުގެ މުވައްޒަފުންނަށް ބިރުދައްކައި، ފުރައްސާރަކޮށް، ޙަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. މިއީ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އދގެ އިދާރާ (އުންރްވާ)ގެ އޮފީހެކެވެ.

މި ހާދިސާއާ ގުޅިގެން، ހުޅަނގު އައްސޭރީގައި ހުރި އުންރްވާގެ އޮފީހުގެ ވެރިޔާ ރޮލެންޑް ފްރީދްރިކް ވިދާޅުވެފައިވަނީ، އެ އޮފީހަށް ގަދަބާރުން ވަދެގަތް މީހުންގެ ތެރޭގައި ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުގެ ހައްދުފަހަނަ އެޅި މެންބަރު ޔޫލިޔާ މަލިނޯވްސްކާ ހިމެނޭ ކަމަށެވެ.

މި ހާދިސާއަކީ ކޮންމެ އަހަރަކު ވެސް "ޤުދުސް ދުވަސް" ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަމަނުޖެހުންތަކުގެ ތެރެއިން އެއް ހާދިސާއެވެ. މީގެ ކުރިން ބާއްވާފައިވާ ހިނގައިލުންތަކުގައި ވެސް ހައްދުފަހަނަ އެޅި ޔަހޫދީން ހަމަނުޖެހުޖެހުން ހިންގައި، މުސްލިމުންނަށް ޙަމަލާދީ، އަދި މުސްލިމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުވާފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ. ނަމަވެސް މި ކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފަލަސްޠީނުގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ގޮވާލާފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ކަމަށް ވަގުތުން އަޅައިލާ، އިސްރާއީލުގެ މި ޢަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމަށެވެ.

އިސްލާމީ ޤައުމުތަކުގެ ތެރެއިން ގިނަ ޤައުމުތަކުން ވެސް މި ހާދިސާ ކުށްވެރިކޮށް، މަސްޖިދުލްއަޤްޞާގެ ޙުރުމަތް ރައްކާތެރިކުރުމަށް ގޮވާލާފައިވެއެވެ. އަދި ބައެއް ޤައުމުތަކުން ވަނީ އިސްރާއީލާ މެދު  ފިޔަވަޅުތަކެއް އެޅުމަށް ވެސް އިޝާރާތްކޮށްފައެވެ.
މި ހާދިސާއަކީ އިސްރާއީލާއި ފަލަސްޠީނުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ސިޔާސީ ތަޙުލީލުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

              

މި ލިޔުން ކިޔާލުމުން

Ads by MSS