Ads by Stelco

ޚަބަރު

ކީރިތި ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަންޖެހޭ: މޭޔަރ ޢާޒިމް

ކީރިތި ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަންޖެހޭ: މޭޔަރ ޢާޒިމް

ފީއަލީގައި ބޭއްވި ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރ ޢާޒިމް/ފޮޓޯ: މާލެ ސިޓީ ކައުންސިލް

28 މޭ 2025، 02:55

ކީރިތި ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލުން އިންތިޒާމްކޮށްގެން، މިދިޔަ ރަމަޟާން މަހު ބޭއްވި ތިން ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މޭޔަރ ވިދާޅުވީ، ކީރިތި ޤުރްއާނުން ލިބޭ އެންމެ މާތް މަތިވެރި ފިލާވަޅުތަކުގެ ތެރޭގައި މައިންބަފައިން ދެކެ ލޯބިވުމާއި، މައިންބަފައިންގެ ބަސްއަހައި، ޤުރްއާން ކިޔަވައި، އަދި ނަމާދުކޮށް، މުދައްރިސުންގެ ބަސްއަހައި، ރަނގަޅު ބަޔަކަށް ވުން ހިމެނޭ ކަމަށެވެ. އެހެންކަމުން، މި ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުން ގެންދިއުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ. 

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ގިނަގިނައިން ޤުރްއާން ކިޔެވުމާއި، އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުމަކީ ހުރިހާ ކުދިންވެސް އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން އެއަށް ޢަމަލުކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ. ހަމަ އެހެންމެ، ޤުރްއާނުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ އަޚްލާޤުކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ، ރީތިކޮށް ތިމާ އުޅުމާއި، އެހެން މީހުންނާ ދޭތެރޭގައި އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމާއި، ގުޅުން ރަނގަޅު ކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވުމަކީ ޤުރްއާނުގައި ބާރުއަޅުއްވާފައިވާ ކަންތައްތަކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި މޭޔަރ ޢާޒިމް ވަނީ، ފީއަލީ ކައުންސިލަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ކައުންސިލެއްކަން ފާހަގަކުރައްވާފައެވެ. އަދި ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި އަދި ގައުމީ ފެންވަރުގައި ބާއްވާ މުބާރާތަކަށް ހޮވޭ ދަރިވަރުންނަށް ކައުންސިލްގެ ފަރާތުން ހުރިހާ ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުމަކީ މިކަމުގެ ހެއްކެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS