Ads by Stelco

ޚަބަރު

"އަމާން އައްސޭރި 2025" ގެ ނަމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތް ނިންމާލައިފި

"އަމާން އައްސޭރި 2025" ގެ ނަމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތް ނިންމާލައިފި

"އަމާން އައްސޭރި 2025" ގެ ނަމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތް ނިންމާލުން/ފޮޓޯ: ރައީސް އޮފީސް

28 މޭ 2025، 02:58

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންނުން ގުޅިގެން "އަމާން އައްސޭރި 2025" ގެ ނަމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތް  ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ދެ ދުވަހުގެ މި ހަރަކާތުގައި ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ތަމްސީލުކުރައްވާ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މި ހަރަކާތުގައި ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެން.ޓީ.އާރް.ޕީ) ޓެސްޓްކޮށްފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މި އެކްސަސައިޒަކީ، ރާއްޖޭއިން ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އަދި އެފަދަ ޙާލަތްތަކުގައި އެކިއެކި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ޤާބިލުކަން ހުރި، ނެތް މިންވަރު މި އެކްސަސައިޒުގެ ޒަރީޢާއިން ހޯދާފައިވެއެވެ. ހަމަ އެހެންމެ، މި އެކްސަސައިޒުން ވަނީ މިކަންކަން ހަރުދަނާކުރުމަށް ނިންމަންޖެހޭ ނިންމުންތައް ދެނެގަނެފައެވެ.

"އަމާން އައްސޭރި 2025" އަދި އެން.ޓީ.އާރް.ޕީ ގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ އަހަންމިއްޔަތުކަމަށް ޢަމަލީ ސިފަ ގެނަސް، ޤައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާކުރުންކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކްރޮސްރޯޑްސްގައި ކުރިއަށް ގެންދިޔަ މި ހަރަކާތް އިންތިޒާމުކޮށްދެއްވާފައި ވަނީ، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުންނެވެ. އަދި މި ޙަރަކާތުގެ ސަބަބުން، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ސަލާމަތީ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS