Ads by Stelco

ޚަބަރު

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި

ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 02:57

28 މޭ 2025، 02:57

ހިޔާ ފްލެޓް ޓަވަރުތަކުގެ ލިފްޓުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހިޔާގެ ދެވަނަ ޓަވަރުގައި އަލަށް ހަރުކުރި ލިފްޓުތައް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު މިއަދު ހާމަކުރެއްވެވި ގޮތުގައި މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ އާ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތަކެވެ. މި ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެއް ކަމަށާއި، އެއްފަހަރާ 21 މީހުންނަށް އެރޭ ވަރުގެ ޖާގަ އެ ލިފްޓުތަކުގައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާގެ 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. މިގޮތުން ދެވަނަ ޓަވަރުގެ އިތުރުން 1، 3 އަދި 4 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އެ ޓަވަރުތަކުގައި ލިފްޓު ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާއެވެ. އަދި އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ މި މަޝްރޫއު ނިމުމުން، ހިޔާގައި ދިރިއުޅޭ ރައްޔިތުން ގިނަ އިރުތަކެއް ވަންދެން ލިފްޓުތަކުގެ އިންތިޒާރުގައި ތިބެންޖެހޭ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS