ޚަބަރު
ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ތިން މީހުން/ފޮޓޯ: ފުލުހުން
ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ ސަހަޔާ އަޖިން ފްރެންޗިސް (27އ) އާއި، ކަރުއްޕިއަހް ސުއްބައިއާ (52އ) އާއި، ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލް ގެ 30 ފުޅިއާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުޤީގުކުރަމުން ދާއިރު، މައްސަލައާއި ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައިކަަމަށް ފުލުހުން މަޢުލޫމާތުދެއެވެ.