Ads by Stelco

ޚަބަރު

މަދަނީ ޖަމުޢިއްޔާތަކަށް ދޭ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މަދަނީ ޖަމުޢިއްޔާތަކަށް ދޭ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޖަމިއްޔާތަކުގެ މަހާސިންތާ/ފޮޓޯ: ޕީއެސްއެމް ނިއުސް

28 މޭ 2025، 07:32

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މަދަނީ ޖަމުޢިއްޔާތަކަށް ދޭ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އެވޯޑަކީ، ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުޢިއްޔާތަކުން މުޖްތަމަޢު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމުގެގޮތުން ދެވޭ އެވޯޑެކެވެ. 

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ޖުލައި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާއިރު ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރެވިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މި އެވޯޑު ދެވިގެންދާނީ މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ހިލޭ ސާބަހަށް ނަމުނާ ދައްކުވައިދޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި އިނާމް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • ޚާއްސަ އެހީގެ ދާއިރާ
  • ތަޢުލީމީ ދާއިރާ
  • އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ޙިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
  • މަސައްކަތްތެރިކަން ކުރިއަރުވާ އާލާ ކުރުން
  • ފަންނުވެރިކަން (އާޓްސް) އަދި (އައި.ސީ.ޓީ) ދާއިރާ ދިރުވައި އާލާކުރުން
  • ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކާއި ތާރީޚި ތަރިކަ، ދިވެހި ބަސް ދިރުވުން
  • ތިމާވެށީގެ ދާއިރާ
  • މަސްތުވާ ތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން
  • ސިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢުއަކަށް މަސައްކަތް ކުރުން

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އިނާމަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށް ކަމަށެވެ. ނަމަވެސް، މި ޖަމިއްޔާތަކުން ފާއިތުވި 2 އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅާފައިވާންޖެހޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، ހިންގާ ކޮމެޓީގެ މުއްދަތު ހަމަނުވާ ހުރިހާ  ޖަމިއްޔާތަކަށްވެސް މި އިނާމަށް ކުރިމަތިލެވޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS