ޚަބަރު
ދަނޑުވެރިކަމާ ބެހޭ ވަޒީރު ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ދަނޑުވެރިކަމާ ބެހޭ ވަޒީރު ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން/ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ
ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، ފުވައްމުލައް ސިޓީއަށް ވަޒީރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލައް ސިޓީ ކައުންސިލްގައެވެ.
މި ބައްދަލުވުމުގައި، ފުވައްމުލައް ސިޓީގެ ދަނޑުވެރިކަމުގައި ދިމާވާ ތަފަތު ގޮންޖެހުންތައް ކައުންސިލްގެ މެންބަރުން ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ. އެގޮތުން ގަސްތަކަށް ޖެހޭ ތަފާތު ބަލިތަކާއި، މޭވާއަށް ޕެސްޓުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އެންމެ ފަހުގެ މަޢުލޫމަތު ވަނީ ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އެ ވުޒާރާއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ދެމެހެއްޓެނެވި ދަނޑުވެރިކަމަށް ޕްލޭން ކުރެވިގެން ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ލެބޯޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދިި މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ހިއްސާކުރެއްވި ކަންތައްތަކަށް ޙައްލު ހޯއްދަވާ ދެއްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.