ޚަބަރު
ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން/ފޮޓޯ: ފުލުހުން
ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޝަރިފް އުއްދީން، (37އ) އާއި، އިންޑިއާއަށް ނިސްބަތްވާ މަނިމަރަން ރަވީޗަންދްރަން، (24އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 28 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ހަތަރު ފުޅި އާއި، 500 އެމްއެލްގެ 25 ފުޅިއާއި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުޤީގުކުރަމުން ދާއިރު، މައްސަލައާއި ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައިކަަމަށް ފުލުހުން މަޢުލޫމާތުދެއެވެ.