ޚަބަރު
އެކަކު އަނެކަކަށް އޯގާތެރިވެ، އަޅައިލައި، ލޯބިވާ މީހުން އުޅޭ ސިޓީއަކަށް މާލެ ސިޓީ ބަދަލުކުރާނަން: މޭޔަރ ޢާޒިމް

މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް/ފޮޓޯ: ދިޔަރެސް
އެކަކު އަނެކަކަށް އޯގާތެރިވެ، އަޅައިލައި، ލޯބިވާ މީހުން އުޅޭ ސިޓީއަކަށް މާލެ ސިޓީ ބަދަލުކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލާ މޭޔަރ ވިދާޅުވީ، ލޯތްބާއި އަޅާލުމާއި ކުލުނުގެ މާހައުލެއް، މާލެ ސިޓީގެ ރައްޔިތުންނަށް ޤާއިމުކޮށްދޭން ކުރާ މަސައްކަތުގެ ނަތީޖާ ދާދި އަވަހަށް ފެންނާނެ ކަމަށެވެ.
މޭޔަރ ވިދާޅުވީ، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ހިތް ފަސޭހަކޮށްލުމަށް ނިކުމެ އުޅޭނެ ތަންތަން މާލޭގައި ހުންނަންޖެހޭ ކަމަށެވެ. އެހެންކަމުން، އިރާދަކުރެއްވިޔާ ވަރަށް އަވަހަށް މާލޭގެ އުސް ޢިމާރާތްތަކުގައި ދިރިއުޅުއްވާ އެކި އުމުރުފުރާގެ މީހުނަށް ހިތްފަސޭހަކޮށްލުމަށް ނިކުމެ އުޅޭނެތަންތަން ކައުންސިލުން ތަރައްޤީ ކުރަމުން އަންނަ މައިޒާންތަކުން ހަމަޖެހިގެން ދާނެކަމަށް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ހިތްފަސޭހަ މައިޒާންތައް ޤާއިމްކުރުމުގެ ސަބަބުން ޢާއިލީ ގުޅުންތައް ބަދަހިވެގެން ދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މި ސިޓީއަކީ އެކަކު އަނެކަކަށް އަޅައިލައި، އޯގާތެރިވާ މީހުން އުޅޭ ސިޓީއަކަށް ބަދަލުކުރުމަށް މި ފަދަ މައިޒާންތަކަކީ މުހިންމު ތަންތަންކަމަށް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މާލެ ސިޓީ ކައުންސިލުން ހާޞިލުކުރަން ބޭނުންވާ މިކަންވާނެކަން ޤަބޫލުފުޅުކުރައްވާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، މާލޭގެ އިތުރުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންވެސް އުފާވެރިކަމާއެކު ހިތްހަމަ ޖައްސައިލުމަށް އިތުރު މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ، މި މައިޒާންތައް ތަރައްޤީކުރުމުގެ އިތުރުން ވިލިމާލެ އާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދައި، ފެހިކޮށް، ފިނިކުރުމުގެ މަސައްކަތްތައް ވެސް ކުރައްވަމުން އަންނަކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލުން މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ރީތި، ސާފު، މާޙައުލެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވަމުން އަންނައިރު، މިކަން ހާޞިލުކުރެވޭނީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަން މޭޔަރ ޢާޒިމް ވަނީ ފާހަގަކުރައްވާފައެވެ.