ކުޅިވަރު

ޕްރޮފެޝަނަލް ފުޓްބޯޅައިން ކާލޯސް ވެލާ ރިޓަޔަރކުރަން ނިންމައިފި

ޕްރޮފެޝަނަލް ފުޓްބޯޅައިން ކާލޯސް ވެލާ ރިޓަޔަރކުރަން ނިންމައިފި

ކާލޯސް ވެލާ/ފޮޓޯ: ބޭ ނިއުސް 9

29 މޭ 2025، 07:21

ޕްރޮފެޝަނަލް ފުޓްބޯޅައިގައި 19 އަހަރު ހޭދަކުރުމަށްފަހު ކާލޯސް ވެލާ ރިޓަޔަރކުރަން ނިންމައިފިއެވެ.

އާސެނަލްގެ ޔޫތު ޓީމުން ކުރިއަށް ދިއުމަށްފަހު ސްޕެއިންގެ ސަލަމަންކާއަށް ބަދަލުވި ވެލާއަކީ، ކުރީގެ އާސެނަލް އަދި ރެއާލް ސޮސެއިޑާޑްގެ ފޯވާޑަށް ކުޅުނު ކުޅުންތެރިއެކެވެ. 

ކާލޯސް ވެލާ އާންމުންނަށް ދޫކޮށްލާފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، އޭނާގެ ކެރިއަރުގައި ވަރަށް ޚާއްޞަ ވަގުތުތަކެއް ފާއިތުވެދިޔަ އަހަރުތަކުގައި ތަޖުރިބާކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ރަސްމީކޮށް ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔަރވާ ވަގުތު އައިސްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ފުޓްބޯޅައިގެ ދާއިރާގައި އޭނާއަށް ސަޕޯޓުކުރާ އެންމެންނާއެކު އޭނާގެ ކެރިއަރު ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ވެލާ ވަނީ ބުނެފައެވެ.

ވެލާ ވަނީ، އާސެނަލްގެ ޖާޒީގައި ޕްރިމިއާ ލީގުގެ 29 މެޗު ކުޅެފައެވެ. އޭގެ ފަހުން، ލަ ލީގާ ކުލަބް ސޮސިއެޑާޑްގައި 7 އަހަރު ހޭދަކުރި ވެލާ ވަނީ، މެކްސިކޯއަށް 72 ފަހަރު ކުޅުމަށްފަހު ކޮންކަކާފް ގޯލްޑް ކަޕް ވެސް ދެ ފަހަރުގެ މަތިން ކާމިޔާބުކޮށްފައެވެ. ހަމަ އެހެންމެ،  ލޮސް އެންޖެލެސް އެފްސީއަށް 2018 ގައި ބަދަލުވުމަށްފަހު އޭނާ ވަނީ އެ ޓީމުން އެމްއެލްއެސް ކަޕް އަދި ޔޫއެސް އޯޕަން ކަޕް ކާމިޔާބުކުރުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.

ކާލޯސް ވެލާގެ ރިޓަޔަރމަންޓް ޚަބަރާއެކު އޭނާ އަށް ސަޕޯޓުކުރާ ގިނަ މީހުން ވަނީ އެކަމާ ހިތާމަފާޅުކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެލާ އަށް ފުރިހަމަ ކާމިޔާބީއަށް އެދޭކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS