ސައިންސް
ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސައިންސްވެރިން ހުށަހަޅާ ލުއިފަސޭހަ އިރުޝާދުތައް
ނަފްސާނީ ދުޅަހެޔޮކަމަށް ގުދުރަތީ ރީތި މާހައުލެއް
ހުލާސާ
ނަފްސާނީ ދުޅަހެޔޮކަމަށް ގުދުރަތީ މާޙައުލާ ގުޅުން ބަދަހިކޮށް އަމިއްލަ ނަފްސަށް ކޮންމެ ދުވަހަކުވެސް މުހިންމު ވަގުތުކޮޅެއް ހޭދަކުރުން
ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޢަމަލުކުރެވިދާނެ ގިނަގުނަ ގޮތްތަކެއް ވެއެވެ. ގަވާއިދުން ކަސްރަތުކުރުމާއި ފުރިހަމައަށް ނިދުން ފަދަ ކަންކަމަކީ ނަފްސަށް ހަމަޖެހުން ގެނެސްދޭކަން ޢިލްމީ ގޮތުން ސާބިތުވެފައިވާ ކަންކަމެވެ. މި ދުނިޔޭގައި އަމިއްލަ އިޚްތިޔާރުގައި ކޮންޓްރޯލްކުރެވޭ ކަންކަން މަދުކަމުގައި ވީނަމަވެސް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސައިންސްގެ އެހީގައި އިރުޝާދު ދެވިފައިވާ ބައެއް ކަންކަމަށް އަޅުގަނޑުމެން ބަލައިލަމާ ހިންގަވާށެވެ.
ބޭރަށް ނުކުމެ، ސާފު ވައި ލިބޭ ތަނެއްގައި ނުވަތަ އެ މީހަކު އެންމެ ހިތްހަމަޖެހޭ ޤުދުރަތީ މާޙައުލެއްގައި ވަގުތުކޮޅެއް ހޭދަކުރުމަކީ ނަފްސާނީ ފިއްތުން ލުއިކޮށް، މޫޑު ރަނގަޅުކޮށް، އަދި ދުޅަހެޔޮ ޞިއްޙަތެއް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއްކަން ގިނަ ދިރާސާތަކުން ސާބިތުވެފައިވެއެވެ.
ގަސްގަހާގެއްސާއި، މާމެލާމެލީގެ ތަފާތު ވައްތަރުތަކާއި، ފަރުބަދަތަކާއި، ކަނޑުގެ ރާޅުތަކާއި، އަދި ޤުދުރަތުގެ އެހެނިހެން ވަސީލަތްތަކުން ފެންނަ ޖެހިޖެހިގެން ތަކުރާރުވާ ނަމޫނާތަކާއި އޭގެ ތަފާތު ސިފަތަކަށް ބަލާއިރު، އިންސާނާގެ ސިކުނޑި ހަމަޖެހުމާ ގުޅުންހުރި "އަލްފާ" ރާޅުތައް އިތުރުކޮށްދޭކަން ދިރާސާތަކުން ހާމަވެފައިވެއެވެ. އެފަދަ ފުރުޞަތެއް ނެތް ޙާލަތްތަކުގައި، ގޭގައި ތިބެގެންވެސް މިފަދަ ފައިދާތައް ހޯދިދާނެއެވެ. މިސާލަކަށް ގޭގެ ދޮރުތައް ހުޅުވާލައި، ސާފު ވައި އިޙްސާސްކުރުން ނުވަތަ ވާރޭވެހޭ އަޑު އަޑުއެހުންހިމެނެއެވެ.
ސައިންސްވެރިޔާ ސާރާ ގިބެންސް 2022 ވަނަ އަހަރު ކުރެއްވި ދިރާސާއަކުން ދައްކާގޮތުގައި، ދޫނިސޫފާސޫފީގެ އަޑު އަޑުއެހުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މަސައްކަތުގައި ފޯކަސް ކުރުމަށް އެހީތެރިވުން
- ހިތްހަމަޖެހުން އިތުރުވެ، ނުތަނަވަސްކަން ކުޑަވުން
- ސިކުނޑިއާއި ހިތް ރިލެކްސްވުން
ދޫނީގެ އަޑަކީ ތަކުރާރުކޮށް ގޮވާ، ރިދަމިކް، އަދި މަޑުމައިތިރި އަޑުތަކަކަށްވާތީ، އިންސާނުން އުފައްދާ އަޑުތަކާ އަޅާބަލާއިރު މާ ހިތްގައިމު އަޑުތަކެކެވެ. އަދި މާޙައުލުގެ ގަދަ އަޑުތައް ޣަރަޤުކޮށް، ހަމަޖެހުމުގެ އިޙްސާސް އުފެއްދުމަށް އެހީތެރިވެދެއެވެ.
މިއަހަރުގެ ކުރީކޮޅު ޑެރިލް އޮސްޓިން ރިޕޯޓުކުރެއްވި ފަދައިން، ދިރިއުޅޭ ތަން ތަރުތީބުކޮށް ބެހެއްޓުމުން ނަފްސާނީ ޞިއްޙަތަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ:
- ނަފްސުގެ ވަރުބަލިކަން ފިލުން
- މަސައްކަތުގެ މާޙައުލުގައި އުފެއްދުންތެރިކަން އިތުރުވުން
- ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން
ވީމާ، ކުނި އަދި ބޭނުންނުކުރާ ސާމާނު މަދުކޮށް، ދިރިއުޅޭ ތަން ތަރުތީބުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހަމައެހެންމެ ޕިއްޒާ، ބަރގަރ އަދި ޗިޕްސް ފަދަ ކާނާއަކީ ޖިސްމާނީ ދުޅަހެޔޮކަމަށް ގެއްލުންހުރި ތަކެތިކަމުގައި ބެލެވެއެވެ. ދިރާސާތަކުން ހާމަކޮށްދޭ ގޮތުގައި ސޯޑާ، މެޓާ ޗޮކްލެޓް، އެނަރޖީ ބާރތައް އަދި މޭވާގެ ރަހަ އެކުލެވޭ ޔޯގަޓް ފަދަ ތައްޔާރީ ކާނާ އާންމުކޮށް ބޭނުންކުރާ މީހުންގެ މެދުގައި ޑިޕްރެޝަންގެ ފުރުސަތު 44 އިންސައްތަ އަދި ހާސްކަމުގެ ފުރުސަތު 48 އިންސައްތަ އިތުރުވެއެވެ.ޔުނިވަރސިޓީ އޮފް މިޝިގަން، އޭން އާބަރގެ ސައިކޮލޮޖީގެ ޕްރޮފެސަރ އޭޝްލީ ގިއަރހާޑްޓް ވިދާޅުވެފައިވަނީ: "އަމިއްލަ ނަފްސާމެދު އޯގާތެރިވާށެވެ. މިއީ ތިބާގެ ކުށެއް ނޫނެވެ. ތިބާ ދިރިއުޅެމުންދަނީ އެޑިކްޝަނަށް މަގުފަހިވާގޮތަށް ފަރުމާކުރެވިފައިވާ މާޙައުލެއްގައެވެ."
ރަނގަޅު ކާނާ ކެއުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. "ނަފްސާނީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޖާދޫއީ ބޭހެއް ނުވަތަ ކާނާއެއް ނޯންނާނެއެވެ،" މިދިޔަ އަހަރު ޖޭސަން ބިޓެލް ލިޔުއްވި ލިޔުމެއްގައި ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، ވިޓަމިންތަކާއި، މިނަރަލްތަކާއި، ފެޓީ އެސިޑްތަކާއި، ޕްރޮޓީނާއި އަދި ކާބޯހައިޑްރޭޓްސް އެކުލެވޭ ޠަބީޢީ އަދި ތާޒާ ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކާނާގެ އިތުރުން، އުފާވެރިކަން ގެނުވައިދޭ ހޯމޯންތައް އުފެއްދުމަށް މަގުފަހިކޮށްދޭ އެހެނިހެން ގޮތްތައް ވެސް ވެއެވެ. މީގެ ތެރޭގައި ޑޮޕަމިން، ސެރޮޓޮނިން، އެންޑޯފިންސް އަދި އޮކްސިޓޮސިން ފަދަ ހޯމޯންތައް ހިމެނެއެވެ. 2023 ވަނަ އަހަރުގެ ދިރާސީ ރިޕޯޓެއްގައި އަމިއްލަ ހޯމޯންތައް އިތުރުކުރެވިދާނެ ގޮތްތަކުގެ މިސާލުތަކެއް ހުށަހަޅާފައިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ގޭގައި ގެންގުޅޭ ބުޅާފަދަ ޖަނަވާރަކާއިއެކު ކުޅެލުމުން ސްޓްރެސް ލުއިކޮށްދޭ އޮކްސިޓޮސިންގެ ކުއްލި އިތުރުވުމެއް ލިބެއެވެ.
ޗުއްޓީ ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މުހިންމު ކަމެއްކަމުގައި ވިޔަސް، އެކަމަށް ވަސީލަތް ނުވަތަ ވަގުތު ނެތްނަމަ ހަމައެކަނި ޗުއްޓީއެއް ރާވާލުމުންވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ދިރާސާތަކުން ދައްކައެވެ. ދަތުރެއް ކުރިން ލަފާކުރުމަކީ މީހެއްގެ އުފާވެރިކަން ވަރަށް ބޮޑަށް އިތުރުކުރެވޭނެ ކަމެކެވެ.
ކޮންމެ ބާވަތެއްގެ ކަސްރަތަކީވެސް ނަފްސާނީ ދުޅަހެޔޮކަމަށް ފައިދާހުރި ކަމެކެވެ. ބައިސްކަލް ދުއްވުމަކީ އެންމެ ރަނގަޅު އިހުސާސްތައް ކުރެވޭނެ އެއް ޖިސްމާނީ ހަރަކާތެވެ. ހަފްތާއަކު މަދުވެގެން އެއްފަހަރު ބައިސްކަލް ދުއްވާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވާކަމަށް ފާހަގަކުރެވެއެވެ.މީގެ އިތުރުން، ޕަޒަލް ހެދުމާއި، ފެތުމާއި، ގަސްއިންދުން ފަދަ ގިނަ ހޮބީތަކަކީވެސް ނަފްސާނީ ދުޅަހެޔޮކަމަށް ފައިދާހުރި ކަންކަންކަމަށް 93,000 މީހުންގެ މައްޗަށް ހިންގުނު ސަރވޭއަކުން ދެއްކިއެވެ.
ހޮބީތަކެއް އޮންނަ މީހުންގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް މަދުން ފެންނަ އިރު، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އުފާވެރިކަމާއި، އަދި ދިރިއުޅުމުގެ ހިތްހަމަޖެހުން ރަނގަޅުވެފައިވާކަން ފާހަގަކުރެވެއެވެ. މިހެންކަމުން، ނަފްސާނީ ގޮތުން ބުރަ ބޮޑުވެ، ހާސްކަމާއި ނަފްސާނީ ބިރުވެރިކަން އިތުރުވާ ދަނޑިވަޅުތަކުގައި، ނަމާދާއި ދުޢާގެ އިތުރުން، ޤުދުރަތީ މާޙައުލަކަށް ޒިޔާރަތްކޮށް، އަމިއްލަ ނަފްސަށް މުހިންމު ވަގުތުކޮޅެއް ހޭދަކުރުމަކީ އާދައަކަށް ހަދަން ޖެހޭނެ ކަމެކެވެ. ހަނދާން ބަހައްޓަންވީ ކަމަކީ، އިންސާނާގެ ހަޔާތް އުޖާލާކުރެވޭނީ އަމިއްލަ ނަފްސަށް އަޅާލައި، އޯގާތެރިވެ، ރައްކާތެރިކަމާއެކު ގެންގުޅެގެންކަމެވެ.