ސައިންސް
މިއަހަރުގެ ފިޒިކްސްގެ ނޮބެލް އިނާމު އޭައައި ދާއިރާގެ ޢިލްމުވެރިން ޕްރޮފެސަރ ޖޯން ހޮޕްފީލްޑް އަދި ޕްރޮފެސަރ ޖެފްރީ ހިންޓަން އަށް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ ޢިލްމުވެރިން ޕްރޮފެސަރ ޖޯން ހޮޕްފީލްޑް އަދި ޕްރޮފެސަރ ޖެފްރީ ހިންޓަން އާއި ނޮބެލް ކޮމިޓީ
ހުލާސާ
މި ދެ ޢިލްމުވެރިންގެ އުފެއްދުންތެރި ދިރާސާތަކާއި ޚިޔާލުތަކުގެ ސަބަބުން، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް އެތައް ކުރިއެރުމެއް ލިބި، މުޅި ދުނިޔޭގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވޭ
ޖޯން ހޮޕްފީލްޑް އަދި ޖެފްރީ ހިންޓަން އަށް 2024 ވަނަ އަހަރުގެ ފިޒިކްސް ނޮބެލް އިނާމު ލިބިވަޑައިގަތުމުގެ ޚަބަރު ރޯޔަލް ސްވީޑިޝް އެކެޑަމީ އޮފް ސައިންސަސް އިން ވަނީ އިޢުލާނު ކުރައްވާފައެވެ. މި ދެ އިލްމުވެރިންނަށް މި ޝަރަފުވެރި އިނާމު ލިބިވަޑައިގަތީ އާޓިފިޝަލް ނިއުރަލް ނެޓްވޯކްތަކާއެކު މެޝިން ލާނިންގ އަށް މަގުފަހިކޮށްދިނުމުގައި އެ ދެ ބޭފުޅުން ކުރެއްވި އަގުހުރި ދިރާސާތަކާއި އީޖާދުތަކަށްޓަކައެވެ.
އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރޮފެސަރ ޖޯން ހޮޕްފީލްޑްގެ މުހިންމު ޙިއްޞާއަކީ ޑޭޓާގައި ހިމެނޭ ތަސްވީރުތަކާއި އެހެނިހެން މަޢުލޫމާތު ރައްކާކޮށް، އަލުން އުފެއްދޭނެ އެސޯސިއޭޓިވް މެމޮރީއެއް އުފެއްދުމެވެ. އަދި ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ޕްރޮފެސަރ ޖެފްރީ ހިންޓަން ވަނީ ޑޭޓާގެ ސިފަތައް އަމިއްލައަށް ދެނެގަނެ، ތަސްވީރުތަކުގައިވާ ވަކި ބައިތައް ފާހަގަކުރެވޭނެ ފަދަ އައު ގޮތްތަކެއް އީޖާދުކުރައްވާފައެވެ.
ނޮބެލް ކޮމިޓީގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ދެ އިލްމުވެރިންގެ މަސައްކަތްޕުޅުތަކަކީ ފިޒިކްސްގެ އުސޫލުތައް ބޭނުންކޮށްގެން މިއަދުގެ ހަރުދަނާ މެޝިން ލާނިންގ ޓެކްނޮލޮޖީގެ އަސާސް އެކުލަވާލުމަށް މަގުފަހިކޮށްދިން އުފެއްދުންތެރި މަސައްކަތްތަކެކެވެ.
ނޮބެލް ކޮމިޓީ ފޮރ ފިޒިކްސްގެ ޗެއަރޕަރސަން، ޕްރޮފެސަރ އެލެން މޫންސް ވިދާޅުވި ގޮތުގައި، މި އަހަރުގެ ނޮބެލް އިނާމު ލިބުނު ފަރާތްތަކުގެ ދިރާސާތަކުން މިހާރުވެސް ވަރަށް ބޮޑެތި ފައިދާތަކެއް ވަނީ ލިބިފައެވެ. އެ ބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި، ފިޒިކްސްގެ ދާއިރާގައި އާޓިފިޝަލް ނިއުރަލް ނެޓްވޯކްތައް ބޭނުންކުރެވެނީ ވަރަށް ފުޅާ ދާއިރާއެއްގައެވެ. މީގެ ތެރޭގައި ޚާއްޞަ ސިފަތަކެއް ހުންނަ އައު މެޓީރިއަލްތައް ތަރައްޤީކުރުން ފަދަ ކަންކަން ހިމެނެއެވެ.
މި ފަދަ ނެޓްވޯކްތައް މިހާރު ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސީ ބަޔަކަށް ވެފައިކަމަށާއި ، މިސާލަކަށް މޫނު ދެނެގަތުމާއި ބަސް ތަރުޖަމާކުރުމުގައި މި ޓެކްނޮލޮޖީ ބޭނުންކުރަމުން އަންނަކަމަށް ޕްރޮފެސަރ މޫންސް ވިދާޅުވިއެވެ.
މެޝިން ލަރނިންގ އަދި އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ ގޮތުން ދުނިޔޭގައި އުފެދިފައިވާ ކަންބޮޑުވުންތައް ވެސް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
މުޖުތަމަޢުގެ ނަޒަރުން ބަލާއިރު، މި އައު ޓެކްނޮލޮޖީ ރައްކާތެރި އަދި އަޚްލާޤީ ގޮތެއްގައި ބޭނުންކުރުމުގެ ޒިންމާ އޮތީ އިންސާނުންގެ ބޮލުގައެވެ. އެއީ އިންސާނިއްޔަތަށް އޭގެ އެންމެ ބޮޑު ފައިދާ ހޯދައިދިނުމަށްޓަކައި ކަމުގައި ޕްރޮފެސަރ މޫންސް ވިދާޅުވިއެވެ.