ޚަބަރު
މާލޭގައި ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ 25 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން މާލޭގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕްރޭޝަނުގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުންދިޔަ 25 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މާލޭގެ ދެ ސަރަޙައްދެއް ބަލާފާސްކޮށްފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި މާލޭގައި ބިދޭސީން ދިރިއުޅޭ 2 އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 102 ބިދޭސީން ޗެކްކޮށްފައިވާއިރު، ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހެންވޭރުގައި ހުންނަ ގެއަކުން ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، މާފަންނު ހަވީރީ ގޯޅީގައި ހުރި ގެއަކުން 18 ބިދޭސީން ފާހަގަވެފައިވާއިރު، މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 25 ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ގިނަ ޢަދަދެއްގެ ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.