Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

ނައިބު ރައީސް ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

31 މޭ 2025، 12:02

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ، "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، ތަޖިކިސްތާނުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ތަޒިކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ވަނީ، ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައި ބަޔާނެއް އިއްވަވާފައެވެ. މި ބަޔާނުގައި އެމަނިކުފާނު ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގަ އާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. ހަމަ އެހެންމެ، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ސަބަބުން، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވަނީ ހާމަވެގެން ގޮސްފައެވެ. ހަމަ އެހެންމެ، މި ދަތުރުފުޅަކީ، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ޤައުމުތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާކުރުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS