ޚަބަރު
އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއް ގައެވެ. މި މެސެޖުގައި ވަޒީރު ވިދާޅުވީ، މުސްލިމުންނަށް އަންނަ ދެ ޢީދު ދުވަހަކީ އިސްލާމީ މަތިވެރި ޝިޢާރެއްކަމަށެވެ. އެހެންކަމުން، އިސްލާމީ މުޖުތަމަޢުގައި ޢީދު ފާހަގަކުރަންވާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޢީދުގެ އުފާވެރިކަމާއި، މަތިވެރިކަމާއި، މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަސްކަމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިން މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ.