ޚަބަރު
މާލޭގައި ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ އިތުރު 35 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިއްޔެ ހެނދުނު އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުންދިޔަ އިތުރު 35 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މާލޭގެ ދެ ސަރަޙައްދެއް ބަލާފާސްކޮށްފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ހެނދުނު 7:30 އިން ފެށިގެން 9:15 އާ ހަމައަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި މާލޭގައި ބިދޭސީން އާންމުކޮށް އެއްވެ އުޅޭ 2 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިންގ ސަރަޙައްދުގައި އެއްވެ އުޅުނު ބިދޭސީން ބަލައި ފާސްކުރުމަށްފަހު، ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ 35 ބިދޭސީން ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. އަދި އެމީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ގިނަ ޢަދަދެއްގެ ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.